ސިންގަޕޫރު

ގޮޓަބަޔާ ހިމާޔަތަކަށް ނޭދޭ، ނުވެސް ދެން: ސިންގަޕޫރު

ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށާ އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ގައި ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެފި އެވެ.

ރައީސް ގޮޓަބަޔާގެ ސިންގަޕޫރޫ ދަތުރުފުޅާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމަށް އެތެރެވުމުގެ ހުއްދަ ރައީސް ގޮޓަބަޔާ އަށް ދެއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ. ރައީސް ގޮޓަބަޔާ އެ ގައުމުގެ ހިމާޔަތަށް އެދިފައިނުވާ ކަމަށާ އަދި އެފަދަ ހިމާޔަތެއް އަރުވާފައި ނުވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މިއީ [ސިންގަޕޫރަކީ] އާންމުކޮށް ހިމާޔަތަށް އެދޭ މީހުންނަށް ހިމާޔަތް ދޭ ގައުމެއްވެސް ނޫން،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގެންނެވީ 33 ގަޑިއިރު ރާއްޖޭގައި ހުންނެވުމަށް ފަހު ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ. ގޮޓަބަޔާ އެއާޕޯޓަށް ވަޑައިގެންފައި ވަނީ ހުޅުލެއާ ދުރު ނޫން ރިސޯޓެއްގައި ހުންނެވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތުގައެވެ.

ގޮޓަބަޔާ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. ރާއްޖެއިން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ރައީސް ގޮޓަބަޔާ ދެން އަމަލު ކުރައްވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.

ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުން އިސްތިއުފާ ދެއްވުން ފަސް ކުރެއްވީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ފަދަ ތަނަކަށް ވަޑައިގެންނެވެންދެނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިއަދު ވިދާޅުވި ގޮތުގައި ރަށް އަވަހަށް އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް ގޮޓަބަޔަ ވަނީ އަންގަވާފައެވެ. މަހިންދާ ޔަޕާ އަބޭވަރްދެނާ ހަވާލާދީ ލަންކާގެ ބޮޑެތި ނޫސްތަކުން ބުނި ގޮތުގައި ރޭ މެންދަމުގެ ފަހުން ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ މެސެޖެއްް މަހިންދާ ޔަޕާ އަބޭވަރްދެނާ އަށް ވަނީ ލިބިވަޑައިގެންފައެވެ. އެ މެސެޖްގައި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މިވަގުތު ހުންްނެވީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއްގެ ތެރޭގައި ކަމަށް ވާތީ އިސްތިއުފާގެ ސިޓީ ކަނޑައެޅިފައިވާ ތާރީހަށް ފޮނުއްވޭ ގޮތް ނުވީ އެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް އަވަހަށް އިސްތިއުފާގެ ސިޓީ ފޮނުއްވުމަށް ކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރައްވައް ފައްޓަވައިފި ކަމަށެވެ.

އިސްތިއުފާ ދެއްވުން ފަސް ކުރައްވާތީ އިސްތިއުފާގެ ސިޓީ މާ އަވަހަށް ފޮނުއްވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރައީސް ގެންދަވަނީ އަސްކަރިއްޔާގެ ވެރީންނާއި ފުރިހަމައަށް މުއާމަލާތް ކުރައްވަމުންނެވެ. އަދި އަސްކަރީންް މެދުވެރިކޮށް ގައުމު ހަމައަަކަށް އެޅުއްވޭތޯ މަސައްކަތް ކުރައްވައެވެ.