ގޮތަބަޔާ ރާޖަޕްކަސާ

ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި

ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ދެންމެ ބުނީ މަގާމުން އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައިވާ ކަމަށެވެ.

ސްރީލަންކާގެ ރައީސްގެ މީޑިއާ އޮފީހުން ބުނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ސިޓީގެ ގާނޫނީ ސައްހަ ކަމުގެ ޔަގީންކަން ލިބުމުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އިސްތިއުފާ ދެއްވަން ނިންމެވި ތާރީހު ފަހަނައަޅާ ދިޔަ ފަހުންނެވެ. މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ގޮޓަބަޔާ ވިދާޅުވި ގޮތުގައި 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެ އެވެ. ގޮޓަބަޔާގެ އިސްތިއުފާ މި އައީ ވަގުތީ ރައީސަކަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން މި މަހުގެ 20 ވަނަ ދުވަހު އައު ރައީސަކު ހޮވުމަށް ތާވަލުކުރި ނަމަވެސް އިސްތިއުފާ ދެއްވުން ފަސްވެ މާދަމާ ބާއްވަން އޮތް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާވެސް ކެންސަލް ކޮށްފައި ވަނިކޮށެވެ. މާދަމާގެ ޖަލްސާގައި އޮތީ ބޮޑުވަޒީރުގެ މަގާމަށް ވަގުތީ ބޭފުޅަކު ހަމަޖެއްސުމެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ރައީސް ކަމުގެ މަގާމުން ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ލިބިވަޑައިގަތުމުން ކަމަށެވެ. އަދި ލިޔުން ލިބިވަޑައިނުގަތުމުން ގާނޫނުގައިވާ ގޮތަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައި މިވަނީ ލަންކާއިން ފިއްލަވައިގެން ވަޑައިގެން ރާއްޖޭގައި 33 ގަޑިއިރު ހޭދަ ކުރެއްވުމަށް ފަހު ސިންގަޕޫރަށް ވަޑައިގެންނެވެ. އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް ދެއްވާފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް މި މައްސަލާގައި ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ވަނީ ވާހަކަ ދައްކާފައެވެ.

ރައީސް ގޮޓަބަޔާގެ ސިންގަޕޫރޫ ދަތުރުފުޅާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމަށް އެތެރެވުމުގެ ހުއްދަ ރައީސް ގޮޓަބަޔާ އަށް ދެއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ. ރައީސް ގޮޓަބަޔާ އެ ގައުމުގެ ހިމާޔަތަށް އެދިފައިނުވާ ކަމަށާ އަދި އެފަދަ ހިމާޔަތެއް އަރުވާފައި ނުވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މިއީ [ސިންގަޕޫރަކީ] އާންމުކޮށް ހިމާޔަތަށް އެދޭ މީހުންނަށް ހިމާޔަތް ދޭ ގައުމެއްވެސް ނޫން،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.