މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރަމުންދާ ކ. ކުޑަގިރީގައި އަޅާ މިސްކިތާއި ހަދަމުންދާ ޖެޓީގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިސްކިތުގެ 70 ޕަސަންޓް މަސައްކަތް ނިމިފައިވާއިރު ޖެޓީގެ 80 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މިސްކިތުގެ ސީލިން މަސައްކަތާއި ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާއިރު ޖެޓީގެ ފުރާޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެ އެވެ.
އެމްޓީސީސީން ބުނީ ކުޑަގިރީގައި އެމްޓީސީސީއާ ހަވާލުވެފައި ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާލުމަށްޓަކައި އެކުންފުނީގެ މުވައްޒަފުން ރެއާއި ދުވާލުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޑަގިރީގައި އަޅާ މިސްކިތުގެ ބިންގާ އެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ކުރިއަށް އޮތް މިނިވަން ދުވަހަށް ހުޅުވުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ގެންދަނީ އެރަށުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން އެރަށުގައި ކަރަންޓް ކޭބަލް އަޅާފައިވާއިރު އެރަށުގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ އަށެވެ. އަދި އެރަށުގައި އާންމުން ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ.
ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.