ސްރީލަންކާ

ރައީސް ކަމަަށް ވާދަކުރާނަން: ސަޖިތު

ލަންކާގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާނެ ކަމަަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަތޭސަ އިއުލާނު ކުރައްވައިފި އެވެ.

ސަޖިތު ވިދާޅުވި ގޮތުގައި މަގާމަށް ވަޑައިގެންނެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ. ގާނޫނު ހަދާ މަޖިލީހުގެ 225 މެންބަރުންގެ ވޯޓް ވަނީ ޔަގީން ކުރެވިފައެވެ. ސަޖިތު ވަނީ އެ މެންބަރުންގެ ތެރޭގައި ކުރީގެ ރައީސް ގޮޓަބަޔާ އާއި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އެސްއެލްޕީޕީގެ މެންބަރުންގެ ތާއީދު ވެސް ހިމެނޭ ކަމަަށެވެ. ނަމަވެސް އެއީ ކޮންކޮން މެންބަރުންނެއް ކަމެއް ވިދާޅެއް ނުވެއެވެ.

ލަންކާގެ ރައީސްގެ މަގާމު ހުސްވީ ރައީސް ގޮޓަބަޔާ އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެކަން ރަސްމީކޮށް އިއުލާނު ކުރީ މިއަދު ހެނދުނު އެވެ. ގޮޓަބަޔާ އިސްތިއުފާ ދެއްވީ ވެރިކަމުގައި ދެން ނުހުންނެވޭނެ ކަން ޔަގީންވެ ގައުމުން ފިއްލަވައިގެން ސިންގަޕޫރަަށް ވަޑައިގަތުމަށް ފަހު އެވެ.

ވަގުތީ ގޮތުން ރައީސްގެ މަގާމަށް ވަޑައިގެންނެވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ރައީސްގެ މަގާމަށް ވާދަކުރެެއްވުމާމެދު އެމަނިކުފާނު އަދި ގޮތެއް ނުނިންމަވައެވެ. ނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުން އެސްއެލްޕީޕީގެ ތާއީދު އޮތީ ރަނިލް އަށެވެ. ނަމަވެސް އެކަމާމެދު ޕާޓީގެ ލީޑާޝިޕްގައި ބޮޑެތި ހިޔާލުތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ.

މީގެ އިތުރުން ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ސަރަތު ފޮންސެކާވެސް ވަނީ ރައީސްގެ މަގާމަށް ޝަައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް އެކަމަށް ނިކުންވާނީ އެކަަށީގެންވާ ތާއީދެއް ލިބިވަަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ލިބިއްޖެނަަމަ ކަމަށް ފޮންސެކާ ވިދާޅުވިއެވެ.