ރަޝިޔާ

ޒަޕޮރިއްޒިއާ ޕްލާންޓަކީ ރަޝިއާގެ މިސައިލް ގުދަނެއް

ޔުކްރޭންގެ ޒަޕޮރިއްޒިއާގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕަވާ ޕްލާންޓަކީ މިހާރު ރަޝިއާގެ އަސްކަރިއްޔާގެ މިސައިލް ގުދަނެއް ކަމަށް ޔުކްރޭނުން ބުނެފި އެވެ.

ޔުކްރޭންގެ ނިއުކްލިއާ އޮފިޝަލް، ޕެޑްރޯ ކޮޓިން ވިދާޅުވި ގޮތުގައި އެ ގައުމުގެ އަވަށްތަކަށް ހަމަލާދޭން، މިސައިލް އުދުއްސަން ޒަޕޮރިއްޒިއާ ނިއުކްލިއާ ޕްލާންޓް މޮސްކޯއިން ބޭނުން ކުރެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޒަޕޮރިއްޒިއާގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ ރަޝިއާއަށެވެ. އެހެން ނަމަވެސް ދެރަ ކަމަކީ އެއީ ހަތިޔާރު ގުދަނަކަށް ހަދާފައި ހުރި ކަމެވެ.

އެތަނުގެ ތެރެއިން ފެންނަނީ ބަރު ހަތިޔާރާއި އަސްކަރީ އުޅަނދު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ޒަޕޮރިއްޒިއާ ނިއުކްލިއާ ޕްލާންޓް މޮނީޓަރު ކުރުމުގައި އިންޓަނޭޝަނަލް އެޓޮމިން އެނާޖީ އެޖެންސީ އޮތީ ފޭލިވެފަ އެވެ. އެ މީހުން ރަޝިއާއާ ގުޅިގެން ޖަހަނީ ބޮޑު ސަކަރާތް ގަނޑެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 24 ގައި ފެށިތާ ކުރީކޮޅު، އޭޕްރީލްގައި ރަޝިއާގެ ފައިޓަރު ޖެޓުތަކުން ޒަޕޮރިއްޒިއާ ނިއުކްލިއާ ޕްލާންޓަށް ބޮންއެޅި އެވެ. އެހެން ނަމަވެސް ރަޝިއާއިން ބުނީ ބޮންއެޅީ އިދާރީ އިމާރާތަށް ކަމަށާއި ނިއުކްލިއާ ޕްލާންޓަށް ގެއްލުމެއް ނުވާ ކަމަށެވެ.

ތަޖުރިބާކާރުން އެއިރު ބުނި ގޮތުން ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގައި އަލިފާން ރޯވުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ، ޗާނަބީލް ނިއުކްލިއާ ހާދިސާއަށް ވުރެ 10 ގުނަ ނުރައްކާ ބޮޑުވެގެން ދާނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ މިހާރު ވަނީ ހީކުރި ވަރަށް ވުރެ ދިގުލައިގެން ގޮސްފަ އެވެ. އެހެނެއް ކަމަކު، ދެ ގައުމު ސުލްހަވުން އޮތީ ކިހާ ސިހާބެއްގައިކަން އެކަކަށް ވެސް ނޭނގެ އެވެ.

ދެ ގައުމު ސުލްހަކުރަން މިހާތަނަށް ކުރިހާ ކަމެއް އޮތީ ފޭލިވެފަ އެވެ. އެ ބަދުނާމު ރަޝިއާ އަޅުވަނީ ޔުކްރޭންގެ ބޮލުގަ އެވެ. ޔުކްރޭނުން ބުނަނީ ސުލްހަ އަކީ ރަޝިއާ ބޭނުންވާ ހައްލެއް ނޫން ކަމަށެވެ.