ފާތުމަތު ދީމާ

ތައިލެންޑް މުބާރާތުގައި ދީމާގެ ޕެއާއަށް ޗެމްޕިއަންކަން

Jul 16, 2022

އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހިމެނޭ ޕެއާ ހޯދައިފި އެވެ.

ރާއްޖޭގައި މިދިޔަ މެއި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގެ ކެޑޭޓް ބައިން ރިހި މެޑަލް ހޯދި ދީމާ، އޯލް ތައިލެންޑް މުބާރާތުގައި ޕެއާ ހެދީ ތައިލެންޑްގެ ފަންގް ނަމަކަށް ކިޔާ ކުޅުންތެރިޔަކާ އެކު އެވެ.

މިމުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ވެސް މި ދެ ކުޅުންތެރިން މިދިޔަ ޖެނުއަރީ މަހު ހޯދާފައިވެ އެވެ.

އޯލް ތައިލެންޑް މުބާރާތުގައި 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށާއި 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދީމާ ދަތުރުކޮށްފައިވެ އެވެ.

ތައިލެންޑްގައި ދީމާ މިހާރު ތަމްރީން ހަދަމުންދަނީ މި މަހު ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރުމަށެވެ. މިމުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގެ އެހެން ކުޅުންތެރިން ވަނީ ކްރޮއޭޝިއާ އަށް ދަތުރުކޮށް 10 ދުވަހުގެ ތަމްރީންތައް އެގައުމުގައި ފުރިހަމަކޮށްފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވާ ދީމާ ވަނީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގައި ދުނިޔޭގެ އަށްވަަނަ ވެސް ހޯދާފަ އެވެ.