މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީ 36 މިނީ ބަސް ގެނެސް ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.
ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ ކުންފުނި ކަމަށްވާ އެމްޓީސީސީ އިން ބުނީ މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން ބަސް ތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ކުންފުނިން އާއްމުކުރި ފޮޓޯ ތަކުން ފެންނަ ގޮތުން ގިނަ އަދަދެއްގެ ބަސް ހިފައިގެން ބޯޓެއް ވަނީ ބަނދަރުކޮށްފަ އެވެ. އެ ކުންފުނިން ބުނީ މި ބޯޓުގައި 36 މިނީ ބަސް ގެނެސްފައިވާ ކަމަށެވެ.
އެމްޓީސީސީ އިން ވަނީ މީގެ ކުރިން ވެސް މިނީ ބަސް ތަކެއް ގެނެސްފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވާ ގޮތުން މި މަހު 31 ހިސާބުގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާނެ އެވެ. އަދި މިހާރު ގެނެސްފައިވާ މިނީ ބަސްތައް މާލޭގެ އިތުރުން ލ. އަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ބޭނުންކުރާނެ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ. ނަމަވެސް މިނީ ބަހުގެ ހިދުމަތް ފެށުން ވަރަށް ބޮޑަށް ލަސްވެގެން ދަނީ އެކަމަށް ބޭނުންވާ ފައިސާ މުޅިން ހަމަޖެހިފައި ނުވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ކުރިން ވިދާޅުވެފައިވެ އެވެ.