ފިނިޕޭޖް

ނެޓްފްލިކްސްގެ އާ ޝޯތަކުގެ ތެރެއިން: ދަ ކްރޯން

މިއީ އިންޓަނެޓް ސްޓްރީމިން މީޑިއާގެ ފޯރި ގަދަކޮށްލައިގެން އުޅޭ ނެޓްފްލިކްސް އިން މި އަހަރަށް ތައްޔާރުކޮށްފައިވާ އެމީހުންގެ އޮރިޖިނަލް ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ޝޯއަކަށް އިންތިޒާރުކުރަމުން އަންނަ ޝޯ އެވެ. "ދަ ކްރޯން" އަކީ އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ވާހަކަ ގޭގެ ސިޓިންރޫމްތަކަށް ގެނެސްދޭނެ 10 އެޕިސޯޑްގެ ސީރީޒް އެކެވެ.

ނެޓްފްލިކްސްގެ އޮރިޖިނަލް ޝޯތަކަށް ހިތްދޫކޮށްފައި ފަރާތްތައް މި ޝޯ އަށް ޝައުގުވެރިނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ބުނެވޭ ގޮތުގައި މިއީ ނެޓްފްލިކްސް އިން މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ސީރީޒް ވެސްމެ އެވެ.

ޝޯގެ ޖުމްލަ އަގު 156 މިލިއަން ޑޮލަރަށް އަރާއިރު މި ސީރީޒްގެ ފަހަތުގައި ހުރީ ވެސް ނިކަން މަޝްހޫރު އަދި އެހާމެ ހުނަރުވެރި ލިޔުންތެރިއެކެވެ. އެއީ އިނގިރޭސި ވިލާތުގެ ފިލްމް ރައިޓާ އަދި ޕްލޭރައިޓް ޕީޓަ މޯގަން އެވެ.

އޭނާ އަކީ ބައޮގްރެފިކަލް މިފަދަ ފިލްމުތަކާއި ޝޯތަކަށް އެފަދަ ދެ ވަނައެއް ނެތް ލިޔުންތެރިއެކެވެ. ނެޓްފްލިކްސްއާ ގުޅިގެން އޭނާ އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނައިގެ ވާހަކަ ގެނެސްދޭއިރު ރާނީ އާއި ޝާހީ އާއިލާގެ ވާހަކަ އޭނާ 2006 ވަނަ އަހަރު ބޮޑު ސްކްރީނަށް ވެސް ލިޔެ ދީފައިވާކަން ފާހަގަކޮށްލެވެ އެވެ.

އެއީ ހެލެން މިރެން އެލިޒަބަތުގެ ރޯލު ކުޅުނު، "ދަ ކްއީން" އެވެ.

އެ ފިލްމުގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަންގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު "ފްރޮސްޓް/ނިކްސަން" އާއި ލީޑްސް ޔުނައިޓެޑްގެ މަޝްހޫރު ކޯޗް ބްރައިން ކްލޮގްގެ ހަޔާތުގެ މައްޗަށް އުފެއްދި "ދަ ޑޭމްޑް ޔުނައިޓެޑް" އަކީ ވެސް ޕީޓަ މޯގަންގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

އޭނާ އަލުން ރާނީ އެލިޒަބަތުގެ ވާހަކަ ކިޔައިދޭއިރު ޒުވާން، ޕްރިންސަސް އެލިޒަބަތުގެ ރޯލުން ފެނިގެންދާނީ ކްލެއާ ފޯއި އެވެ. އެލިޒަބަތުގެ ފިރިކަލުން، ފިލިޕް މައުންޓްބެޓެންގެ ރޯލު ކުޅެނީ ބީބީސީގެ ޑްރާމާ "ޑޮކްޓާ ހޫ" އިން މަޝްހޫރުކަން ހޯދާފައިވާ އިނގިރޭސި އެކްޓަރު މެޓް ސްމިތު އެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗްލްގެ ރޯލުން ފެނިގެންދާނީ ޖޯން ލިތުގްލޯ އެވެ.

މި ޑްރާމާގެ ކޮންމެ ސީޒަނެއްގައި ދައްކުވައި ދޭނީ އެލިޒަބަތުގެ ރަނިކަމުގެ 10 އަހަރެވެ. އެގޮތަށް 10 އެޕިސޯޑާއެކު ހަ ސީޒަނަށް މި ސިލްސިލާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.