ދުނިޔެ

އެމިރޭޓްސްގެ ރައީސަށް ބައިޑަންގެ ދައުވަތެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރެއްވި ދަތުރުގެ ފަހު މަރުހަލާގައި ސައޫދީއަށް ވަޑައިންގެން ގަލްފް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް، ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާން ވޮޝިންގްޓަނަށް ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވާފަ އެވެ.

ސައޫދީގައި އޮތް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) -- ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ، އޮމާން، ބަހްރޭން އަދި ގަތަރު -- ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ބައިޑަން ވަނީ ޔޫއޭއީގެ ރައީސްއާ ވަކިން ބައްދަލުކުރައްވައި އެމިރޭޓްސްގެ ރައީސްގެ މަގާމުގައި އެ މަނިކުފާން ކުރައްވާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިސްރާއި، އުރުދުން އަދި އިރާގު ވެސް ބައިވެރިވާނެ އެވެ.

ބައިޑަން މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ސައޫދީއަށް ވަޑައިގަތުމުގައި ބޭނުންތަކެއް އޮތެވެ. ގަލްފް ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކޮށް ވިޔަފާރި ފުޅާކުރުމަކީ އެމެރިކާގެ އެއްބޭނުމެވެ.

މެދުއިރުމަތީގައި ޗައިނާ އާއި ރަޝިއާގެ ދައުރާ މެދު އެމެރިކާ ޝައްކުކުރެ އެވެ. އެމެރިކާ އެދެނީ ގަލްފު ގައުމުތަކުން ޗައިނާއާ ރަޝިއާއަށް ވުރެ ގާތް ގުޅުމެއް އެމެރިކާއާ އެކު ބޭއްވުމެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން ހުޅަނގުން ރަޝިއާގެ ތެޔޮޮ ގަތުން ހުއްޓާލާފައި އޮތް އޮތުމަށް ލުއި ގޮތެއް ހޯދުމަކީ ވެސް ބައިޑަން އެދިވަޑައިގެންނެވި ކަމެކެވެ.

އެހެން ނަމަވެސް، ގަލްފްގައި ތެޔޮ އުފައްދާ ގައުމުތަކުން އޯޕެކް ގަވާއިދުތަކަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން، އޯޕެކަށް ނިންމޭ ގޮތް ފިޔަވައި އިތުރު ގޮތަކަށް އެއްބަސްވާކަށް ބޭނުމެއް ނުވެ އެވެ.

އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ އަދަދު ގައުމުތައް ބައްދަލުކޮށް މަޝްވަރާކޮށްގެން ނޫން ގޮތަށް ކުރެވެން ނެތް ކަމަށް ގަލްފު ގައުމުތަކުން ބައިޑަންއަށް ދެންނެވި އެވެ. އެހެންނަމަވެސް ގަވާއިދު ތަންދޭ އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދާނެ ކަމަށް ވިދާޅުވި އެވެ.

ޔޫއޭއީގެ ރައީސް ވޮޝިންގްޓަނަށް ވަޑައިގަތުމަށް ދެއްވި ދައުވަތަކީ ވެސް ވަކިވަކި ގައުމުތަކާ އެކު އެމެރިކާ ގުޅުން ގާތްކުރަން ދެއްވި ދައުވަތެކެވެ. އެމެރިކާ އަކީ ވަރަށް އަޑިން ކުޅޭ އަދި ނުބައިހަދަން ދަންނަ ގައުމެކެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ގަލްފް ގައުމުތަކުން އެއްބާރުލުން ހޯދުމުގައި ވަކިވަކި ގައުމުތަކާ މަޝްވަރާކުރަން ބޭނުންވަނީ ކަމަށެވެ.