ޔުކްރޭންގައި އޮޕަރޭޓްކުރާ އެންޓޮނޯފް މަރުކާގެ ކާގޯ ބޯޓެއް ގުރީކުގެ ކަވާލާ ސިޓީ ކައިރިއަށް ވެއްޓިއްޖެ އެވެ. ގުރީކުގެ ސިވިލް އޭވިއޭޝަން އިދާރާއިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.
ގުރީކުގެ ސިވިލް އޭވިއޭޝަން އޮފިޝަލަކު ވިދާޅުވި ގޮތުގައި ޔުކްރޭންގެ ކާގޯ ބޯޓު ދަތުރުކުރީ ސާބިއާއިން އުރުދުން އަށެވެ.
އެހެން ނަމަވެސް ބޯޓުން ދަތުރުކުރި މީހުންގެ އަދަދާއި އަދި އެ ބޯޓުން އުފުލީ ކޮން ބާވަތެއްގެ މުދަލެއްކަން އެ އިދާރާއަށް ކަށަވަރު ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގްރީކު މީޑިއާ ޚަބަރުތައް ބުނާ ގޮތުން ބޯޓުން އަށް މީހަކު ދަތުރުކުރި އެވެ. އަދި ބޯޓުގައި ހުރީ 12 ޓަނުގެ ގޮވާތަކެތި ކަމަށްވެސް ވަނީ ޚަބަރު ފެތުރިފަ އެވެ.
އޭވިއޭޝަން އޭޖެންސީ ރިޕޯޓާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ބޯޓުގެ އިންޖީނުގައި މައްސަލައެއް އުޅޭކަން ޕައިލެޓަށް އެނގުމާ އެކު ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން ބޯޓު ކޮންޓްރޯން ނައްޓާލީ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރަމާއިގެ ސަބަބުން ޔުކްރޭނަށް އާމްދަނީ ލިބޭން ހުރި ކޮޅުތައް ހުރީ ބަންދުވެފަ އެވެ. ޔުކްރޭނަށް ނިސްބާވާ ގޮތަށް ގައުމުން ބޭރުގައި ހުރި އިންވެސްޓްމަންޓް ތަކުން ލިބޭ އެއްޗަކުން، ހަނގުރާމައަށް ފަހު ވެސް ގައުމު ބިނާކުރެވޭ ވަރު ނުވާނެ ކަމަށް ޔުކްރޭނުން ބުނެ އެވެ.
އެހެންކަމުން، ކާގޯ ބޯޓު ވެއްޓުމަކީ ޔުކްރޭނަށް ލިބޭނެ އިތުރު ގެއްލުމަކަށް ވާނެ އެވެ. އެއީ ގައުމުން ބޭރުގައި އޮޕަރޭޓް ކުރާ ކާގޯ އަދި މަދަނީ ފްލައިޓްތަކުން ޔުކްރޭނަށް ވަންނަ ޓެކްސް ފައިސާއަށް އަސަރުކޮށްފާނެތީ އެވެ.