އެޓާނީ ޖެނެރަލް

ފުރަތަމަ ހަމަސް ދުވަހު އޭޖީ އޮފީހުން 90 ދައުވާ

Jul 17, 2022

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ބަންޑާރަނައިބުގެ އޮފީހުން 90 މައްސަލައެއްގައި ދައުވާކޮށްފި އެވެ.

ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު 90 މައްސަލައިގައި ދައުވާކުރިއިރު އެ އޮފީހުން މި މުއްދަތުގައި ޖަވާބުދާރީވާންޖެހުނު 93 ދައުވާ ވެސް ކޯޓުތަކުގައިވެ އެެވެ.

މިމުއްދަތުގައި ބަންޑާރަނައިބުގެ އޮފީހުން އެންމެ ގިނަ ދައުވާކޮށްފައިވަނީ ފެމިިިލީ ކޯޓުގަ އެވެ. އެއީ 38 މައްސަލަ އެވެ. ދެވަނަ އެންމެ ގިނަ މައްސަލައިގައި ދައުވާކޮށްފައިވަނީ ސިވިލް ކޯޓުގަ އެވެ. އެއީ 33 މައްސަލަ އެވެ.

މީގެއިތުރުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހުން ވަނީ ހައިކޯޓުގައި ނުވަ މައްސަލަ، މެޖިސްޓްރޭޓް ކޯޓުތަކުގައި އަށް މައްސަލަ އަދި ސުޕްރީމް ކޯޓުގައި ދެ މައްސަލައިގައި ދައުވާ އުފުލާފަ އެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ދައުވާތަކަށް ޖަވާބުދާރީވެފައި ހުރި ގޮތަށް ބަލާއިރު އެންމެ ގިނައިން ޖަވާބުދާރީވެފައިވަނީ ސިވިލް ކޯޓުގަ އެވެ. އެއީ 48 މައްސަލައިގަ އެވެ. ދެވަނަ އެންމެ ގިނަ މައްސަލައިގައި ޖަވާބުދާރީވެފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުގަ އެވެ. އެއީ 22 މައްސަލަ އެވެ.

މީގެއިތުރުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހުން ވަނީ ހައިކޯޓުގައި 13 މައްސަލަ، ސުޕްރީމް ކޯޓުގައި އަށް މައްސަލަ އަދި އާބިޓްރޭޝަން ސެންޓަރާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ތެރެއިން ކޮންމެ ތަނަކު އެއް މައްސަލައިގައި ޖަވާބުދާރީވެފަ އެވެ.