ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިކަމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހު ތަސްދީގުކުރައްވައިފި

Jul 17, 2022
1

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ 22 ވަނަ ޖަލްސާގަ އެވެ.

ގާނޫނަށް ގެނައި ފުރަތަމަ އިސްލާހަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު މިދިޔަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު އުވާލުމާ ގުޅިގެން މަސްވެރިިކަމުގެ ގާނޫނުގެ 56 ވަނަ މާއްދާގެ އިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ.

މިގޮތުން އެ މާއްދާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތްތައް އުނިކޮށް، "މިގާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނިޓާކޮށް ކޮންޓްރޯލް ކުރުމަށްޓަކައި، މޮނިޓަރިން، ކޮންޓްރޯލް އަދި ސަވޭލަންސާ ބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދާ ތަންފީޒުކުރަން ވާނެ" ކަމަށް މިހާރު ވަނީ ބުނެފަ އެވެ.

މި އިސްލާހު ރައީސް ތަސްދީގުކުރެއްވުމާ އެކު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އިސްލާހު ތަސްދީގުކޮށް އަމަލުކުރަން ފަށާފަ އެވެ.