ކުޅިވަރު

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ ރަން މެޑަލް ރާއްޖޭގެ އަޒުނީނަށް

Jul 17, 2022

އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ އަޒުނީން ރަޝާދު ރަން މެޑަލް ހޯދައިފި އެވެ.

ކ. މާފުށީގައި މިރޭ ފެށި މި މުބާރާތުން އަޒުނީން ރަން މެޑަލް ހޯދީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީންނެވެ.

މި ކެޓަގަރީގައި އަޒުނީންއާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ޕާކިސްތާނާއި އިންޑިއާގެ އެތުލީޓުންނެވެ.

ރާއްޖެއިން މީގެކުރިން 2017 ވަނަ އަހަރު ވެސް ވަނީ އޭޝިއާ ބޮޑީ ބިލްޑިން މުބާރާތުން ރަން މެޑަލް ހޯދާފަ އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ މުހައްމަދު އިމްރާން ވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފަ އެވެ. އޭނާ މެޑަލް ހޯދީ އޯވާ 180 ސީއެމް ކެޓަގަރީންނެވެ.

ރާއްޖޭގެ ޓީމު މިއަހަރުގެ މުބާރާތަށް ނިކުތީ 10 މެޑަލް ހޯދުމުގެ އަމާޒެއް ކަނޑައަޅައިގެންނެވެ.

އޭޝިއާގެ ބޯޑީ ބިލްޑިން މުބާރާތް ރޭ ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މި މުބާރާތް ކުރިއަށް ދާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގަ އެވެ. އެކަމަކު މިމުބާރާތުގެ އަންހެނުންގެ ބައި ކުރިއަށް ގެންދަން ނިންމާފައިވަނީ ކްރޮސް ރޯޑްސްގައެވެ.

ބައިނަލްއަގްވާމީ މި މުބާރާތަކީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 54 ވަނަ އެޑިޝަން އެވެ. މިފަހަރުގެ މުބާރާތުގައި 24 ގައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި، އޮފިޝަލުން ބައިވެރިވެ އެވެ.