ޕިކްނިކް އައިލެންޑް

ކުޑަގިރި މާސްޓާ ޕްލޭން: އެޗްޑީސީގެ މުހިއްމު މަސައްކަތެއް

Jul 18, 2022

ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި އެޗްޑީސީގެ ޕްލޭނިން ޑިޕާޓްމަންޓުން ރަށުގެ މާސްޓާ ޕްލޭން ވަނީ އެކުލަވާލާފަ އެވެ. މި ޕްލޭންގެ ދަށުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން ހަޓުތަކާއި، ފާހާނާބަރި ފަދަ ތަންތަނުގެ ޑިޒައިން ނިމި އެތަންތަނުގެ މަސައްކަތް މިހާރު ދަނީ ޕްލޭންގެ ދަށުން ކުރަމުންނެވެ.

މީގެއިތުރުން މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމުކުރުމަށްވެސް ޕްލޭންގައިވެ އެވެ.

ކުޑަގިރި މާސްޓާ ޕްލޭންގެ ދަށުން ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމުގެ ޕްލޭން އެކުލަވާލައި އެސްއޯއީ ތަކާއި ގުޅިގެން ވެސް އެޗްޑީސީ އިން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުން ވެސް ޕްލޭނެއް ވަނީ ރާވާފަ އެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެ ގޮތާއި މިފަދަ ޕްލޭން ތަކަކަށް ވެސް އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން ދަނީ ކުރެވެމުންނެވެ. އަދި ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުން ފަދަ ކަންތައްތައް ވަނީ ކުރެވިފަ އެވެ.

މީގެ އިތުރުން އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭންއާއި ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން ވެސް ވަނީ ޑިޒައިން ކޮށްފަ އެވެ.

އެޗްޑީސީގެ ސްމާޓް އިންފްރާސްޓްރަކްޗާ ޓީމުން ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ގާއިމުކުރުމަށާއި ނެޓްވޯކް އަދި މޯބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު އާއިލާއާ އެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެ އެވެ.