ދުނިޔެ

ޔުކްރޭންގެ ޕްރޮސެކިއުޓާ ޖެނަރަލާއި ސެކިއުރިޓީ ޗީފް މަގާމުން ދުރުކޮށްފި

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލާއި ސެކިއުޓީގެ ވެރިޔާ މަގާމުން ދުރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒެލެންސްކީގެ ސަރުކާރުގައި ހިމެނޭ އިސް ބައެއް ވެރިންނާއި އޮފިޝަލުންގެ ޝައުގުވެރިކަން ޒެލެންސްކީއާ މިހާރު މުޅިން ތަފާތެވެ. އެ މީހުން ތިބީ ރަޝިއާ ކޮޅަށް ބުރަވެފައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ޒެލެންސްކީ ނެރުއްވި އަމުރުގައި މަގާމުން ދުރުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އިރީނާ ވެނެޑިކްޓޮވާ އާއި އިވާން ބެކަނޯފް އެވެ.

މިކަމާ ގުޅިގެން ޒެލެންސީ ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުން ސަރުކާރުގެ މަތީ ފަންތީގައި ގައުމީ ޒިންމާއާ ހަވާލުވެ ވަޑައިގެން ތިއްބެވި އޮފިޝަލުންގެ އަމަލުތައް ވަރަށް ރަނގަޅަށް ބައްލަވާނެ އެވެ.

ޒެލެންސްކީގެ ބަޔާނުގައި ވަކި މީހެއްގެ ނަން ފާހަގަކުރައްވާފައެއް ނުވެ އެވެ. އެހެންނަމަވެސް، ސަރުކާރުގެ ވެރިންނަށް ނިސްބަތްކުރައްވައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ ޚިލާފު ނަމަ ޖަވާބުދޭން ޖެހޭ ސުވާލުތަކެއް ހުރި ކަމަށެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ގައުމަށް އިހާނާތްތެރިވުން އަދި މަކަރު ހެދުން ފަދަ މައްސަލަތައް ޔުކްރޭންގައި ވަރަށް ބޮޑެވެ. ސަރުކާރުގެ މައުލޫމާތުން ވައްކަންކުރުމަކީ ވެސް އާންމު ކަމަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޒެލެންސްކީ ވަނީ ޔުކްރޭނުން ބައެއް ގައުމުތަކަށް ކަނޑައަޅާފައި ތިބި ސަފީރުން ވެސް މިދާކަށް ދުވަހު ވަކިކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ އަމިއްލަ ޝައުގުވެރިކަން ގައުމީ ޝައުގުވެރިކަމަށް ވުރެ ބޮޑެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ ފަސްވަނަ މަހަކަށް އެޅިފައި އޮތްއިރު ހަމަލާތައް އަދިވެސް ވަނީ ވަރުގަދަ އެވެ. ދެ ގައުމު ސުލްހަވުމަށް އެއްވެސް ބަޔަކު އިސްނަގާފައެއް ނުވެ އެވެ. މީގެ ކުރިން އިސްނެގި މީހުންނާއި ގައުމުތައް ވަނީ ފޭލިވެފަ އެވެ.

ޒެލެންސްކީގެ ވިސްނުމަކީ ރަޝިއާއާ ހަނގުރާމަކޮށް މޮޅުވުމެވެ. އެހެން ނަމަވެސް މުޅި ގައުމު މިހާރު އޮތީ މިއިން ޒަމާނަކު ބިނާނުކުރެވޭ ވަރަށް ފަނާވެފަ އެވެ.