ފިނިޕޭޖް

ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން: ކޮއެން ބްރަދާސްގެ "ހެއިލް، ސީޒާ"

އީތަން ކޮއެން އާއި ޖޮއެލް ކޮއެންގެ އާ ފިލްމެއް އަންނަ ވާހަކަ ފިލްމު ބަލާ މީހުންނަށް އުފާވެރި ޚަބަރަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ކޮމެޑީ ކްރައިމް އިން ފެށިގެން ވެސްޓާން، އެޑްވެންޗާ އަދި ގޭންގްސްޓާގެ ރަހަތަކާ ހަމަ އަށް ދިޔަ ނަމަވެސް އެމެރިކާގެ މި ދެބެއިންނަކީ އަބަދު ވެސް އެފަދަ ދެ ވަނައެއް ނެތް މަސައްކަތަކާ އެކު އެނބުރި އަންނަ ދެ ޑައިރެކްޓަރުންނެވެ.

ކޮއެންގެ ދެ ބެއިންގެ ފިލްމެއް މިދިޔަ ދެ އަހަރަކު ނުނިކުމެ އެވެ. އެހެން ނަމަވެސް ދެ މީހުން ލިޔުނު ދެ ފިލްމެއް ނުކުތެވެ. އެއީ އެންޖެލީނާ ޖޯލީ ޑައިރެކްޓްކުރި "އަންބްރޯކެން" އާއި ސްޓީވެން ސްޕީލްބާގް ޑައިރެކްޓްކުރި "ބްރިޖު އޮފް ސްޕައިސް" އެވެ.

ދެ ބެއިންގެ އާ ފިލްމަކީ "ހެއިލް، ސީޒާ" އެވެ.

މިއީ ވެސް ދެ ބެއިންގެ މަސައްކަތްތަކާ އެންމެ ރައްޓެހި ކޮމެޑީ ޖޮންރާގެ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާއެއް އާންމުކޮށްފައިވާއިރު މި ފިލްމުވެގެން ގޮސްފައި ވަނީ މި އަހަރު ހޮލީވުޑުން އަންނަން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ފިލްމަކަށެވެ.

ފިލްމުގެ ތަރިންނަކީ ވެސް ނިކަން ވަރުގަދަ ލިސްޓެކެވެ. ކޮއެން ބްރަދާސްގެ "ނޯ ކަންޓްރީ ފޯ އޯލްޑް މެން" ގައި ލީޑް ރޯލު ކުޅުނު ޖޮޝް ބްރޮލިން އަކީ މި ފިލްމުގެ ވެސް މެއިން ލީޑެކެވެ. ފިލްމުގައި އޭނާ ކުޅެނީ އެކްޓަރުންނަށް ދިމާވާ މައްސަލަތައް މީޑިއާގެ ފަލަ ސުރުހީތަކަށް ނާރައި ނިންމާލަދޭ "ފިކްސާއެއް" ނުވަތަ މައްސަލަ ހައްލުކުރާ މީހެއްގެ ރޯލެވެ.

މި ފިލްމުގައި ދައްކުވައި ދެނީ އެޑީ މެނިކްސް ނަމަކަށް ކިޔާ މި ފިކްސާ ހޮލީވުޑްގެ ބޮޑު ބަޖެޓް ފިލްމެއްގެ ތަރިއެއް ކަމުގައިވާ ބާޑް ވައިޓްލޮކްގެ މައްސަލައެއްގައި ތާށިވެގެން އުޅޭ ގޮތެވެ. ހޮލީވުޑްގެ އެފަދަ ދެ ވަނައެއް ނެތް އެކްޓަރުގެ މި ރޯލު ފިލްމުގައި ކުޅެނީ އަސްލަށް ވެސް އެފަދަ ބޮޑު ޝަހުސިއްޔަތެއް ކަމުގައިވާ ޖޯޖް ކްލޫނީ އެވެ.

"ހެއިލް، ސީޒާ" ނަމަކަށް ކިޔާ ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް ވީނުވީއެއް ނޭނގި މި އެކްޓަރު ގެއްލެނީ އެވެ. ބަޔަކު މީހުން އޭނާ ވަގަށް ނަގަނީ އެވެ. ޖޮޝް ބްރޮލިން ފެނިގެން ދަނީ ކްލޫނީގެ އެ ކެރެކްޓާ ސަލާމަތްކުރަން ކުރާ މަސައްކަތުގަ އެވެ.

ފިލްމުގެ ކާސްޓްގައި ހިމެނޭ އެހެން ބޮޑެތި ނަންތަކަށް ބަލާއިރު ޖޮނަ ހިލް އާއި ސްކާލެޓް ޖޯހެންސަން އާއި ރަލްފް ފިއެންސް އަދި ޓިލްޑާ ސްވިންޓަންގެ އިތުރުން ޗޭނިން ޓޭޓަމް ފާހަގަކޮށްލެވެ އެވެ.

މި ފިލްމުގެ ވާހަކަ އަޑުއަހާލަން ކިތަންމެ ހިތްގައިމަސް ބެލުންތެރިން އަދިވެސް ދިގު އިންތިޒާރެއް ކުރަން އެބަޖެހެ އެވެ. ފިލްމު ޕްރިމިއާކުރާނީ މި އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް އެބައޮތް ދެއްތޯ އެވެ.