އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް ކަމަށް ހުޅުވާލައިފި

Jul 18, 2022

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީގައި ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ނައިބު އިދާރީ އަދި ނައިބު މާލީ އެވެ.

މިވަގުތު އެމްޑީޕީގެ ނައިބް އިދާރީގެ ގޮތުގައި ހުންނެވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު އެވެ. ނައިބް މާލީގެ މަގާމުގައި ހުންނެވީ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަބްދުﷲ އެވެ.

މި ދެ ބޭފުޅުންގެ މަގާމުގެ މުއްދަތު މިއަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އެމްޑީޕީގައި ޗެއާޕާސަންގެ ނައިބުންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 25ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ޗެއާޕާސަންގެ ނައިބުންގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގަ އެވެ.

މި މަގާމަށް ބޭފުޅުން ހޮވުމުގައި ވޯޓުލެވޭނީ ކޮންގްރެސްގެ ބައިވެރިންނަށް އެކަންޏެވެ.