އިމްރާން އަބްދުﷲ

ފާހިޝް އަމަލުތައް ތަކުރާރުވާން ފެށީމަ ފިޔަވަޅު ނާޅާ ދޫކޮށްނުލާނެ: އިމްރާން

މާތްﷲ ގެ ކޯފާއަށް ގައުމު ހުށައެޅިދާނެ ފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމަ ގާނޫނީ ހަމަތަކުގެ މަތީން އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން މިއަަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވިދާޅުވީ ދީނުގެ ހޫދޫދު ނެތިކޮށް ގައުމުގެ އިޖްތިމާއީ ފޭރާން ވީދި މާތްﷲ ގެ ކޯފާއަށް ގައުމު ހުށައެޅިދާނެ ފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމަ ގާނޫނީ ހަމަތަކުގެ މަތީން އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން ކަމަށް އެވެ.

އިމްރާންގެ މި ޓްވީޓްގައި އޭނާ އިޝާރާތް އެ ކުރައްވަނީ ސީދާ ކޮން ފިޔަވަޅުތަކެއް އަޅުއްވާނެ ވާހަކަ ކަމެއް ސާފުކޮށް ދެއްވާފައެއް ނުވެއެވެ. ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެކަންކަމަށް ފިޔަވަޅު އެޅުއްވުން ކަމެއް ނުވަތަ އަމިއްލަފުޅު ހައިސިއްޔަތުން ނޫން ނަމަ އަދާލަތު ޕާޓީން ފިޔަވަޅުތަކެއް އެޅުއްވުން ކަމެއް ސާފެއް ނުވެއެވެ.

ރާއްޖޭގައި އިސްލާމް ދީނާ ހިލާފު އަމަލުތައް ފާޅުކަން ބޮޑުކޮށް މިހާ ގިނަވެފައިވާ ދުވަސްވަރެއް މިފަހުން ނާދެ އެވެ. ދީނަށް ފުރައްސާ ކުރުމުގެ އަމަލުތައް ދިވެހީންގެ ބަޔަކު ފާޅުގައި ދަނީ ހިންގަމުންނެވެ. ދިވެހީންގެ ބަޔަކާއި ބިދޭސީއަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ދިވެހީންގެ ބަޔަކު އެފަދަ އަމަލުތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް އާންމުވެފައިވެއެވެ.

އެ ހުރިހާ ކަމެއް ހިނގާއިރު އިމްރާން ހުންނެވީ އެހުރިހާ ކަމެއްގެ ބޮޑު ޒިންމާއެއް ވެސް އޮތް ދާހިލީ ވުޒާރާގެ ވަޒީރު ކަމުގަ އެވެ. އަދި އަދާލަތުގެ ރައީސް ކަމުގެ މަގާމުގަ އެވެ. ނަމަވެސް ރާއްޖޭގައި ހިނގައިދާ ދީނާ ހިލާފު ކަން ކަމާ ދެކޮޅަށް އަދާލަތުގެ މާބޮޑު ދައުރެއް ނެތެވެ. އަދި ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އިމްރާން އެއިން އެއްވެސް ކަމަކާ ސާފުކޮށް ވާހަކައެއް ނުދައްކަވައެވެ.

ނަމަވެސް ކޮންމެވެސް ކަމެއް ދިމާވެ ތަކުރާރުކޮށް ޓްވީޓްތަކެއް ކުރައްވާތާ ހަތަރު ފަސް ދުވަހެއް ވެއްޖެ އެވެ. ފުރަތަމަ ޓްވީޓް ކުރައްވަން ފެއްޓެވީ އަދާލަތަކީ ދީނުގެ ދިފާއަށް އުފެއްދި ޕާޓީއެއް ކަމަށާ އެ މަގުސަދުގަައި ދެމި އޮންނާނެކަން ޔަގީން ކޮށްދެއްވުމަށް ކުރެއްވި ޓްވީޓްތަކެކެވެ. ނަމަވެސް އެ ޓްވީޓްތަކަށް އެތައް ބައެއްގެ ފާޑުކިޔުންް އަމާޒުވިއެވެ. ދީނީ ދެ އިލްމުވެރިއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަމުންދާތީ އިލްމުވެރީން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އިލްމުވެރީންނަށް އަނިޔާއެއް ނުދެއްވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިއެވެ. އެ ޓްވީޓާއެކުވެސް ފާޑުކިޔުން އިތުރުވީ އެވެ.