ރަނިލް ވިކްރަމަ ސިންހާ

ލަންކާގެ ރައީސް ކަމަށް ރަނިލް ހޮވައިފި

ލަންކާގެ ރައީސަކަަށް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފި އެވެ. އެމަނިކުފާނު ރައީސް ކަމަަށް ވަޑައިގެންނެވީ ލަންކާއަށް އައު ރައީސަކު ހޮވުމަށް މިއަދު އޮތް ޕާލިމަންޓް ޖަލްސާގައި މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ.

އެމަނިކުފާނު އިންތިހާބުވެވަޑައިގަތީ ސިއްރު ވޯޓުގައި 134 ވޯޓް ހޯއްދަވައިގެންނެވެ. ރަނިލް ވިކްރަމަސިންހައާ ވާދަކުރެއްވީ ދުލާސް އަލަހައްޕެރޫމާ އާއި އަނޫރާ ކުމާ ޑިސަނާޔަކޭ އެވެ.

ލަންކާގެ އާންމުންގެ ރުޅިވެރިކަމުގެ ސަބަބުން މެއި މަހުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި އެވެ. އެފަހުން ރަނިލް ވިކްރަމަސިންހަ ވަނީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފަ އެވެ.

އަދި ޖުލައި މަހު ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވެސް އިސްތިއުފާ ދެއްވާފައެވެ. ގޮޓަބަޔާ އިސްތިއުފާ ދެއްވީ މަގާމުގައި ހުންނެވުމަށް ކުރެއްވި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ މަޖުބޫރު ވެގެންނެވެ. އަމިއްލަ ގައުމުގައިވެސް ރައްކާތެރިކަން ގެއްލި ސިއްރިޔާތުގައި ރާއްޖެ ވަޑައިގަތެވެ. އަދި ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާ ދެއްވީ އެވެ. އެ ގައުމުން އަދި އެހެން ބައެއް ގައުމުތަކުންވެސް ހިމާޔަތް ހޯއްދަވަން ގޮޓަބަޔާ މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އޮވެއެވެ. ގައުމު ދޫކުރައްވާ ވަޑައިގަތުމުން ރަނިލް ވިކްރަމަސިންހަ ވަނީ އެކްޓިން ރައީސް ކަމަށް އައްޔަން ކުރައްވާފަ އެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދައުރުގެ ބާކީ އޮތް ބައި ފުރިހަމަ ކުރުމަށް އާ ރައީސަކު އިންތިހާބު ކުރަންޖެހެއެވެ.

ލަންކާއަށް އައު ރައީސަކު ހޮވުމަށް މިއަދު އޮތް ޖަލްސާގައި މަޖިލީހުގެ 223 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ދެ މެމްބަރަކު ވޯޓު ނުދެއްވައެވެ. 219 ވޯޓް ސައްހަ އެވެ. ހަތަރު ވޯޓަކީ ބާތިލް ވޯޓް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރިޔާސީ ދެ އިންތިހާބަކުން ބަލިވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ލަންކާގެ 8 ވަނަ އެގްޒެކެޓިވް ރައީސްގެ ގޮތުގައި ތާރީހުން ޖާގަ ހޯއްދެވީ އެވެ.