ސިޔާސަތުތައް ކަނަޑައަޅާއިރު ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ "އިންޓާނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މެޑަމް ފަޒްނާ އަހުމަދު ވަނީ ކޮންފަރެންސްގެ ބައިވެރިންނަށް ލިބުނު މައުލޫމާތުގެ ސަބަބުން ސިއްހީ ދާއިރާގެ ހިދުމަތް ދިނުމުގަައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ހާލަތާ އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިޔަށް ގެންދެވުން މުހިންމު ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވަނީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑާޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމާ ހިސާބަށް ދިޔުމުގެ ފައިދާތައް ތަފްސީލު ކޮށް ދެއްވާފައެވެ. އަދި ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯއްދެވުމަށް ގޮވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ ޑރ. ފާތިމަތު ޝިފާޒާ ރާއްޖޭގެ ނާސިންގް ކޮމިއުނިޓީ އަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވާ އެކަމަނާގެ މަސައްކަތްތައް ނަމޫނާއަކަށް ދެކި އެކަމުން ފިލާވަޅު ލިބިގަތުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެބޭފުޅުންނާ ލިޔުން ހަވާލުކޮށް ދެއްވީވެސް މެޑަމް ފަޒްނާ އެވެ.
މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނށާއި އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސަކީ ސިއްހީ ދާއިރާގައި ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.