މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން: ސީޕީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

އެމްސީއެސްގެ މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ މީހުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ފެށި "އިންސްޓްރަކްޓާ ޓްރޭނިން ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް ވިދާޅުވީ މިއަދަކީ ވަރަށް މުހިއްމު މަސައްކަތެއްގެ ފެށުން ކަމަށާ އެމްސީއެސްއާ އަލަށް ގުޅޭ މުވައްޒިފުން ތަމްރީންކުރުމަށްޓަކައި ތަމްރީންވާ މުދައްރިބުންނާ ހަވާލު ކުރެވެނީ ވަރަށް މަތިވެރި އަމާނާތަކާއި މަސައްކަތެއް ކަމަށެވެ.

މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަވިސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަނގަޅު ޕްރޮފެޝަނަލް ވޯކް ފޯސް އެއް ބިނާ ކުރުމަކީ ދިމާވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމެއް ކަމަށެވެ. މިކަން ރަނގަޅު ކުރުމަށްޓަކައި އައިކޯސްޓްގެ ވިސްނުމާއި އެހީތެރިކަމާއެކު އިންސްޓްރަކްޓަރުންގެ ކޯހެއް ފަރުމާ ކުރެވި މިއަދު މި ފެށުނު ކޯހުގެ ބައިވެރިންނަކީ އައިކޯސްޓްއިން އޮފިސަރުންގެ ތެރެއިން ފާހަގަކޮށްލެވިގެން ހޮވާލެވުނު އޮފިސަރުން ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށް ފަހުރުވެރި ވާންޖެހޭ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.