ލައިފްސްޓައިލް

ދެން އޮތީ ފިރިހެނުން ސްކާޓް ލާ މޫސުން

ފިރިހެނުން ސްކާޓް ލައިގެން ނުކުތީމަ އަންހެންވެރިންނަށް އެ ތަން ބަލާކަށް މާ ހިތްހަމައެއް ނުޖެހޭނެ އެވެ. ހަގީގަތުގައި ވެސް ފިރިހެނުން ސްކާޓް ލީމަ ވަރަށް ހުތުރެވެ. ނަމަވެސް މިހާރު އަލަށް ޓްރެންޑް ވާން ފަށާފައިވާ އެއް ފެޝަނަކީ ފިރިހެނުންގެ ސްކާޓެވެ.

މިކަން ބޮލީވުޑް ތަރި ރަންވީރު ސިންގް މާ ކުރިއްސުރެ ފަށައިފި އެވެ. ނަމަވެސް ރަންވީރަކީ ސްކާޓް ލުން އާދައިގެ ކަމަކަށް ހެދި ފުރަތަމަ ފިރިހެން މީހާއެއް ނޫނެވެ. އަދި ފިރިހެނުންގެ މެދުގައި ސްކާޓް މަޝްހޫރުވާން ފެށީ ރަންވީރުގެ ސަބަބަކުންވެސް ނޫނެވެ.

ފިރިހެނުންގެ ސްކާޓް މާކަމުދާ އެއްޗަކަށްވީ ދާދިފަހުން އޮތް އިވެންޓަކަށް ހޮލީވުޑް ތަރި ބްރެޑް ޕިޓް ސްކާޓެއް ލައިގެން ދިޔައިމަ އެވެ.

ގަމީހަކާއި ޖެކެޓަކާ އެކު ބްރެޑް ޕިޓް ލައިގެން ހުރީ މުށިކުލައިގެ ސްކާޓެކެވެ.

ބާލިންގައި މިދިޔަ އަންގާރަ ދުވަހު އޮތް ޕިޓްގެ އާ ފިލްމު "ބުލެޓް ޓްރެއިން"ގެ ސްކްރީނިން އަށް އޭނާ ސްކާޓް ލައިގެން ދިއުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ހުއްޓުނެވެ.

ފިރިހެނުންގެ މެދުގައި ސްކާޓްގެ މަގްބޫލުކަން އިތުރުވާނެކަން ޔަގީންކަމަށް 2004 ގައި ވެސް ޕިޓް ބުނެފައި ވެއެވެ. އޭނާ މިހެން ބުނީ 2004ގައި ރިލީޒްކުރި އޭނާގެ ފިލްމު "ޓްރޯއީ" ޕްރޮމޯޓް ކުރުމުގެ ގޮތުން ބްރިޓިޝް ވޯގް އަށް ދިން އިންޓަވިއު އެއްގަ އެވެ.

"ދެން އަންނަ ހޫނު މޫސުމުގައި ފިރިހެނުން އުޅޭނީ ސްކާޓް ލައިގެން. އެއީ އަހަންނަށް ލަފާ ކުރެވޭ އެއްޗެއް. އަދި އަހަރެން ބޭނުންވަނީ ވެސް އެގޮތް،" ޕިޓް ބުނެފައި ވެއެވެ.