މޯލްޑިވްސް ކަސްޓަމްސް ސާވިސް

ދިރުވާލައިގެން އަށް މިލިއަނުގެ ޑްރަގް އެތެރެކުރަން އުޅެފި

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އިތިއޮޕިއާއިން ވައިގެ މަގުން ރާއްޖެ އައި މި ދެ މީހުންގެ ހަށިގަނޑުން 2.328 ކިލޯގެ މަސްތުވާތަކެތި އަތިލައިގެންފައިވާ ކަމަށެވެ. މިއީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ދެ ފިރިހެނުންނެވެ.

މިދިޔަ ޖޫން 28 ވަނަ ދުވަހު ރާއްޖެ އައި މި ދެ މީހުންގެ ހަށިގަނޑު ސްކޭންކޮށް ބެލިއިރު މި މީހުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ގެ ގޮތުގައި 220 ބުލެޓު ނަގާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ބުލެޓުތަކުގެ ތެރެއިން ނަގާފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 8.1 މިލިއަން ރުފިޔާ އެވެ.

މި މައްސަލައިގައި ތުހުމަތު އޮތް ދެ މީހުންނާއި މަސްތުވާތަކެތި ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.