ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ދެ ރަށަކަށް

Jul 21, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ތ. ކިނިބިދޫ އަދި ނ. ލަންދޫގައި ދެ ޕްރޮޖެކްޓެއް ހިންގައިފި އެވެ.

މިފަންޑުގެ އެހީގައި ކިނބިދޫގައި ތަރައްގީކޮށްފައިވަނީ ޕިކްނިކް ދިއުމަށް ހާއްސަ ސަރަހައްދެކެވެ. މިސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެރަށު ސްކޫލުންނެވެ.

ބީއެމްއެލް އިން ބުނީ މިސަރަހައްދު ބަލަހައްޓަމުން ދާނީ ކިނބިދޫ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން ކަމަށެވެ.

މިސަރަހައްދު ތަރައްގީކޮށް ނިމުނުއިރު ހަޓާއި، ފެންވެރޭނެހެން އައުޓްޑޯ ޝަވަރަކާއި، ބާބަކިއު ހަދާނެ ތަންތަނުގެ އިތުރުން ޖޯލިތައް ބަހައްޓާފައިވެ އެވެ.

ލަންދޫގައި ބީއެމްއެލްގެ އެހީގައި ތަރައްގީކޮށްފައިވަނީ ބާބަކިއު އޭރިއާ އެކެވެ. އެތަން ގާއިމްކޮށްފައިވަނީ ކުޑަ ލައިބްރަރީއަކާއި ކެންޓީނެއް ވެސް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން ހަޓްތަކާއި ޖޯއްޔާއި ލަކުޑި ބެންޗު ވެސް އެތަނުގައި ބަހައްޓާފައިވެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އަހަރުގެ ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވަ އެވެ. އަދި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ބީއެމްއެލް އިން 50،000 ރުފިޔާ ހަދިޔާ ކުރެ އެވެ.