އިނގިރޭސިވިލާތް

އިނގިރޭސި އާ ބޮޑުވަޒީރު: ރިޝީ ސުނަކާއި ލިޒް ޓްރަސް ފައިނަލަށް

އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާއަށް ފަހު އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް އޮތް އެންމެ ކުރު މަގަކީ ކޮންސަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަތުމެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ނަން ނޯޓު ކޮށްފައި ތިބ މެމްބަރުންގެ މެދުގައި ވާދަވެރިކަމުގެ މަރުހަލާ ތަކަކަށް ފަހު ލިސްޓް މިހާރު އޮތީ ދެ މެމްބަރުންނަށް ކުރުވެފަ އެވެ. އެއީ ރިޝީ ސުނަކާއި ލިޒް ޓްރަސް އެވެ.

އިނގިރޭސި ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބޮޑަށް ބެލެވެނީ ރިޝީ ސުނަކް އެވެ. އޭނާ އަކީ ބޮޑުވަޒީރު ބޮރިސް ޖޯންސަން -- ބޯޖޯ ސަރުކާރުގެ ކުރިގެ ފައިނޭންސް މިނިސްޓަރެވެ. ބޯޖޯގެ ސިޔާސަތަށް ފާޑުވިދާޅުވެ ރިޝީ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮންޒަވޭޓިވް ޕާޓިގެ ލީޑަރު ކަމަށް ވަކި ބޭފުޅަކު ހޮވުމަށް ޕާޓީގެ ތެރޭގައި ނެގި ވޯޓުން -- ފަސް ބުރު ނިމުނުއިރު ވެސް އެންމެ ގިނަ ވޯޓު ހޯއްދެވި ބޭފުޅަކީ ރިޝީ ސުނަކު އެވެ. އޭނާއާށް އެންމެ ފަހު ބުރުގައި 137 ވޯޓް ވަނީ ލިބިވަޑައިގެންފަ އެވެ.

ބޮޑުވަޒީރު ކަމަށް ވާދަކުރާ ރޭހުގައި ދެން އޮތީ އިނގިރޭސި ފޮރިން މިނިސްޓަރު، ލިޒް ޓްރަސްގެ ނަމެވެ. އޭނާއަށް ފަސް ވަނަ ބުރުގައި ލިބިވަޑައިގެންފައި ވަނީ 113 ވޯޓެވެ.

ލިޒް ޓްރަސްއާ މެދު ބުނެވެނީ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެންފި ނަމަ ދެވަނަ މާގަރެޓް ތެޗާ ނުވަތަ "އަޔަށް ލޭޑީ" އަށް ވާނެ ކަމަށެވެ. މާގަރެޓް ތެޗާ އަކީ އިނގިރޭސި ވިލާތުގައި އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވި އަންހެނާ އެވެ.

މާގަރެޓް ތެޗާއަށް ވަނަމަކަށް އަޔަން ލޭޑީގެ ނަމުން ނަންދިނީ ރޫސިވިލާތުގެ ނޫސްވެރިއެކެވެ. އެއީ އެނާގެ ބޮޑުވަޒީރުގެ ކަމުގައި އާދަޔާ ޚިލާފު ސިޔާސަތުތައް ފާސްކޮށް، އަމަލުކޮށް ނަތީޖާ ނެރުއްވާފައި ވާތީ އެވެ.

އިނގިރޭސި ސަރުކާރު ހިންގުމުގައި ހަރުކަށި އެހެނަސް އާންމުންނަށް ކުޅަދާނަ ގަވާއިދުތަކަށް އަމަލުކުރެއްވައި މާގަރެޓް ތެޗާ ގިނަ ބައެއްގެ ލޯބި ހޯއްދެވި އެވެ.

އިނގިރޭސިވިލާތަށް ބޮޑުވަޒީރު ހޮވުން އޮންނާނީ ސެޕްޓެމްބަރު ފަހެއްގަ އެވެ. އެ ދުވަސް ޖެހެންދެން ރިޝީ ސުނަކާއި ލިޒް ޓްރަސް ވާދަވެރި ކަމުގެ ބަހުސްތައް ކުރިއަށް ގެންދަވާނެ އެވެ.

ވާދަވެރިކަން މިހާރު އޮތް ގޮތުން ބޮޑަށް ބެލެވެނީ އިނގިރޭސިވިލާތަށް ދެން ލިބޭނީ އިންޑިއާ ނަސްލުގެ -- ހަން ކަޅު ބޮޑުވަޒީރެއް ކަމަށެވެ.