ވިޒިޓް މޯލްޑިވްސް

ޓީޑީއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ

Jul 21, 2022

ރާއްޖެ ޓްރެވަލް ޑެއިލީ މީޑިއާ (ޓީޑީ)އާ ގުޅިގެން އިޝްތިހާރު ކުރަން ކެމްޕޭނެއް ފަށައިފި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ ޒިންމާ އަދާކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ދެކުނު އޭޝިއާގައި ރާއްޖޭގެ ވިޒިބިލިޓީ އިތުރު ކުރުމުގެ ގޮތުން މިމަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓީޑީއާ ގުޅިގެން ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ.

ޓީޑީއަކީ ޓޫރިޒަމް ދާއިރާގެ މައުލޫމާތާއި ހިޔާލާ އަދި އެނަލިސްޓް މައުލޫމާތު ފޯރުކޮށްދޭ ޕްލެޓްފޯމް އެކެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިންގެ މަގްސަދަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، މި މާކެޓުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން އިތުރުކުރުމެވެ. އަދި މި މާކެޓުގެ ފަރާތްތައް ރާއްޖޭގެ ބްރޭންޑަށް އިތުރަށް އަހުލުވެރިކޮށް ރާއްޖެއަކީ ސައުތު އޭޝިއާ މާކެޓުގައި، މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ގާއިމުކުރުމެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ހައިސިއްޔަތުން ރާއްޖޭގެ ތަފާތުކަން މި މާކެޓުގެ ފަރާތްތަކަށް ދެއްކުމެވެ.

މި ކެމްޕެއިންގެ ތެރެއިން ރާއްޖެއާ ބެހޭ ޕޯސްޓްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ފޭސްބުކްގައި، އާޓިކަލްތައް ޓްރެވަލް ޑެއިލީ މީޑިއާގެ ވެބްސައިޓުގައި އަދި ނިއުސްލެޓާގައި ޝާއިއުކުރާނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އިޝްތިހާރު ވެބްސައިޓްގެ ބެނާގަޔާއި، އީމެއިލް ސްޕޮންސާ ބެނާގައިވެސް ޕަބްލިޝްކުރާނެ އެވެ. އަދި އެމްއެމްޕީއާރްސީގެ ހާއްސަ އެކްސްކްލޫޒިވް އިންޓަވިއުއެއް ވެސް ޓްރެވަލް ޑެއިލީ މީޑިއާއިން ކެމްޕެއިންގެ ތެރެއިން ޝާއިއު ކުރާނެ އެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައިވެ އެވެ.