މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގެ މާރުކޭޓް ގޮޅިއަކަށް 1،050 ރުފިޔާ ނަގަން ނިންމައިފި

Jul 21, 2022

ވިލިމާލޭގެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރާ އަގަކީ މަހަކު 1،050 ރުފިޔާ ކަމުގައި މާލެ ސިޓީ ކައުންސިލް އިދާރާ އިން ކަނޑައަޅައިފި އެވެ.

ގޮޅީގެ އަގު ކަނޑައެޅީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ގޮޅީގެ މަހު ކުލީގެ އަދަދު ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިޖަލްސާގައި ވިދާޅުވީ ވިލިމާލޭގެ ލޯކަލް މާރުކޭޓުގެ މަސައްކަތް ނިންމާ ހަވާލުކޮށްފައިވާތީ އެންމެ ލަސްވެގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގޮޅިިތައް ލިބޭ ފަރާތްތައް ކަނޑައަޅާ ނިންމަން ބޭނުންވާ ކަމަށެވެ. އަދި ފެށޭ ހަފްތާގެ ތެރޭގައި ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ.

ވިލިމާލޭގައި މާރުކޭޓެއްގެ ގޮތުގައި ރަސްމީކޮށް ތަނެއް ހިންގާފައެއް ނުވެ އެވެ. އެއީ ވިލިމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.