އަލްހާ އީދާއި ގުޅިގެން ތިމަރަފުށީ އެކުވެރީންގެ އައު ރޫހު އިން ކުރިއަށް ގެންދިޔަ ކުޅިވަރުތަކުގެ ތެރެއިން "ބިރުވެރިހޮހޮޅަ" އިން ލިބުނު ފައިސާ ކުރިއަށް އޮތް އަހަރު އެ ތ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގެ ދަރިވަރުންނަށް ކިޔަވައިދޭނެ ރިސޯސް ޓީޗަރުން ހޯދުމަށް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
ތިމަރަފުށީ އެކުވެރީންގެ އައު ރޫހުގެ ފަރާތުން އަލްހާ އީދުގެ ހަރަކާތްތައް ކުލަގަދަކޮށް ތިމަރަފުށީގައި ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނީ "ބިރުވެރިހޮހޮޅަ" އަށެވެ. ވަރަށް ގިނަ ބަޔަކު އެ ސްޓޯލަށް ޒިޔާރަތް ކުރި އެވެ. "ބިރުވެރިހޮހޮޅަ" އަށް ވަނުމަށް ވަރަށް ގިނަ ބަޔަކު ވަނީ ޓިކެޓް ނަގާފައެވެ.
އަވަސްއާ ވާހަކަ ދައްކަމުން އެކުވެރީންގެ އައު ރޫހުގެ ފައުންޑާ އަދި ބާނީ އަހުސަން އަބްދުއްރަހީމް ވިދާޅުވީ ބިރުވެރިހޮހޮޅަ އިން ލިބުނު ހުރިހާ ފައިސާއެއް ސުކޫލަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ފައިސާ ހަދިޔާ ކުރަނީ ތިމަރަފުށީގައި ހުންނަ ތ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގެ ދަރިވަރުންނަށް ކިޔަވައިދޭނެ ރިސޯސް ޓީޗަރުން ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މިއީ އެ ޖަމިއްޔާގެ އިޖްތިމާއީ ޒިންމާގެ ދަށުން ވާން ނިންމާފައިވާ އެހީ އެކެވެ.
2004 ވަނަ އަހަރު އުފެދުނު ތިމަރަފުށީ އެކުވެރީންގެ އައު ރޫހަކީ އެ ރަށުގައި ވަރަށް ހަރަކާތްތެރި ޖަމިއްޔާ އެކެވެ. ރަށުގެ ތަރައްގީ އަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގައި އެ ޖަމިއްޔާގެ ބޮޑު ބައިވެރިވުމެއް އޮތެވެ. ބަނދަރު ސަރަހައްދު އަލިކުރުމަށް ހޮޅިދަނޑި ޖެހުމާއި ގަބުރުސްތާން ވަށާ ފާރު ރޭނުން ފަދަ މަސައްކަތްތައް ކޮށްދީފައިވަނީ ހިލޭ ސާބަހަށެވެ. އަދި ރަށުގެ ބަނދަަރު ސަރަހައްދުގައި އާންމުންނަށް ހިތްފަސޭހަ ކޮށްލެވޭނެ ގޮތަށް ހަޓެއްވެސް އެ ޖަމިއްޔާއިން ހަދައިދީފައިވެއެވެ.
އަހުސަން ވިދާޅުވީ އެ ޖަމިއްޔާއިން އަދިވެސް ވަރަށް ގިނަ ހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި ތިމަރަފުށީގެ ތަރައްގީ އާއި ރައްޔިތުންގެ ލާބަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެ ޖަަމިއްޔާގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. ތިމަރަފުށީ އެކުވެރީންގެ އައު ރޫހު ހަރަކާތްތެރި ޖަމިއްޔާއެއްގެ ގޮތުގައި އޮތީ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށް އަހުސަން ވިދާޅުވިއެވެ. އެ ހުރިހާ މެންބަރުންނަށް އަހުސަން ވަނީ ޝުކުރު އަދާކޮށްފައެވެ.