ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބައެއް ކެންޑިޑޭޓުން ވާދަކުރަނީ ހަމައެކަނި ޑީލެއްގެ ބޭނުމުގައި: ރައީސް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ހަމައެކަނި ބޭނުމަކީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގެންގޮސް ބަޔަކާ އެކު "ޑީލެއް" ހަދައިގެން އަމިއްލަ މަންފާއަށް ކަންތައްތަކެއް ކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތުހުމަތުކުރައްވައިފި އެވެ.

ތ. ތިމަރަފުށީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އިންތިހާބުގައި ބައެއް ކެންޑިޑޭޓުން ވާދަކުރަނީ ވޯޓުތައް ބައިބައިކޮށްގެން ދެވަނަ ބުރަކަށް އިންތިހާބު ގެންދިއުމަށް ކަމަށެވެ. އޭރުން ކޮންމެވެސް ބަޔަކާ ގުޅިގެން އަމިއްލަ މަންފާއަށް ކަންތައްތަކެއް ހާސިލްކުރެވިދާނެ ކަމަށް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"[ތިބޭފުޅުން] އެ ފުރުސަތު ނުދެއްވުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ކަމަށް ބުނެފިނަމަ އެކަމެއް ކޮށްދޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާކަން މިހާރު ޔަގީންވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ކުރިން ބައެއް ކަންކަން ކުރަން އެމަނިކުފާނު އުޅުއްވުމުން އެއީ ކިއްކުރަން ކަމެއްތޯ ބައެއް ބޭފުޅުން ސުވާލު އުފައްދަވާ ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ސުވާލުތައް ނާންނަ ކަމުގައިވެސް ވިދާޅުވި އެވެ.

މިޖަލްސާގައި ރައީސް ވަނީ ތިމަރަފުށި ކައިރީގައި އޮންނަ ކަނިމީދޫގައި ރިސޯޓެއް އަދި ހިރިޔަންފަރުގައި ސިޓީ ހޮޓަލެއް އެޅުމަށް ވައުދުވެވަޑައިގެންފަ އެވެ.

މީގެއިތުރުންވެސް ތިމަރަފުށްޓަށް ބައެއް ކަންކަން ކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ޒަމާނީ ފެންވަރުގެ އާ ހޮސްޕިޓަލެއް އަޅައިދިނުމަށާއި ތިމަރަފުށި އެއާޕޯޓް އިތުރަށް ތަރައްގީކުރުންވެސް ހިމެނެ އެވެ.