ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ތިމަރަފުށި ދާއިރާގެ ކެންޑިޑޭޓް ޒިލްމާގެ ތާއީދު ރިޔާޒުއަށް

ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް -- ފާތިމަތު ޒިލްމާ، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަމުން ގެންދަވާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފި އެވެ.

މިކަން ހާމަކުރީ ރިޔާޒުގެ ކެމްޕޭން ޓީމުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ތިމަރަފުށި ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ -- އަހްމަދު ރިޔާޒުގެ ކެމްޕޭން ޓީމުން ބުނީ ދާއިރާގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ޒިލްމާގެ ޓީމުން ނިންމާ ރިޔާޒުއަށް ތާއީދުކޮށްފައިވާ ކަމަށެވެ.

ތިމަރަފުށި ދާއިރާއަށް ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ އިބްރާހިމް ސަނާހް (ސަންތޯ) އެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާޒަށް ތާއީދުކުރައްވާފަ އެވެ. އަދި ސަރުކާރުގެ ވަޒީރުން ގެންދަވަނީ ރިޔާޒުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.