ޑރ. ހުސައިން ރަޝީދު ހަސަން

ޑރ. ހުސައިން، ރައީސްގެ ކެމްޕޭންގައި

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭނާ ގުޅިވަޑައިގެންފި އެވެ.

ކެންޑިޑޭޓުން ރިޔާސީ ކެމްޕޭން ފެށި ފަހުން މިދިޔަ ދުވަސްތަކުގައި ހުސައިން އެއްވެސް ޕާޓީއެއްގެ ކެމްޕޭނަކުން ނުފެނެ އެވެ. އެހެންވެ މިނިސްޓަރު ހުސައިން ކޮންމެވެސް ކެންޑިޑޭޓެއް އިހްތިޔާރުކުރުމަށް ބައެއް މީހުން ގެންދިޔައީ ސޯޝަލްމީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ތ. ވޭމަންޑޫއަށް ނިސްބަތްބާ ހުސައިން ރޭ ބައިވެރިވެވަޑައިގަތީ ތ. ތިމަރަފުށީގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާ ގައެވެ.

ހުސައިން އަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެކެވެ. އަދި ހުސައިން ފާހަގަކުރެވިފައިވަނީ ގާސިމްގެ ސިޔާސީ މަސައްކަތްތަކުގައި އަބަދުވެސް ގާސިމާ އެކު މަސައްކަތް ކުރައްވަމުން ގެންދެވި ގާސިމަށް އިހްލާސްތެރި ބޭފުޅެއްގެ ގޮތުގައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އަދި އެޕާޓީން ކެންޑިޑޭޓަކު ނެރުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި ކައުންސިލް ބައްދަލުވުންތަކުގައި ހުސައިން ވަނީ ޖޭޕީން އިންތިހާބުގައި ވާދަކުރުމަށާއި ކެންޑިޑޭޓަކު ނެރުމަށް ތާއީދުކުރައްވާ ވޯޓުވެސް ދެއްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރެއްގެ ގޮތުގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހްލާ ގެންދަވަނީ ގާސިމްގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިސަރުކާރުގެ ދެވަނަ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވެސް ވަނީ މިމަހުގެ ހަތްވަނަ ދުވަހު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު މިމަހުގެ 26 ވަނަ ދުވަހު އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.