ދުނިޔެ

ބިންތައް ނުލިބޭހާ ހިނދު ހަނގުރާމަ ހުއްޓުމެއް ނެތް: ޒެލެންސްކީ

ރަޝިއާއިން ޖަހައިގެންފައި ހުރި ޔުކްރޭންގެ ބިންތައް މިނިވަން ނުވާހާ ހިނދަކު ހަނގުރާމަ ހުއްޓުމެއް ނެތް ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވި ހަނގުރާމަ މަޑުޖައްސާލަން އެއްބަސްވުމަކީ ވެސް ރަޝިއާ ސިފައިންނަށް ދެވޭ ޗުއްޓީއެއް ކަމަށެވެ.

ހުޅަނގުން ވައުދުވި ގޮތާ ޚިލާފަށް އަމަލުކުރާ ކަމަށް ވިދާޅުވެ ޒެލެންސްކީ ވިދާޅުވީ ދުރުރާސްތާ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް އެމެރިކާ ބުނި ނަމަވެސް، މިހާރު އެ ކޮށްދޭ ވަރުން ރަޝިއާ ފައްސާލަން ދަތިވާނެ ކަމަށެވެ.

ޒަމީރު ގަބޫލުކުރަނީ ރަޝިއާ އަތުގައި ޔުކްރޭންގެ ވެލިފުކެއް އޮތްހާ ހިނދު ވެސް ރަޝިއާ އާއެކު ޑީލެއް ނުހެދުމަށް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔުކްރޭންގެ ބިންތަކަށް ރަޝިއާ ވެރިވެގަތުން ކަމަށް ވެސް ވިދާޅުވި އެވެ.

ވޯލް ސްޓްރީން ޖާނަލަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ސުލްހައަށް އޮތް އެންމެ ކުރު މަގަކީ ޔުކްރޭންގެ ބިންތަކުން ރަޝިއާ ސިފައިން ފޭބުން ކަމަށާއި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ފެށޭނީ އެއަށް ފަހު ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުން ރައްކާތެރިވެ ރައްދު ހަމަލާ ދޭނެ ގޮތެއް ޔުކްރޭނަށް ބޭނުންވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ޔުކްރޭނުން ގޮވާން ބޭރުކުރުމާ ބެހޭ ގޮތުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގެ ތެރޭގައި ހަދާ އެއްބަސްވުމަކުން ދެމެހެއްޓެނިވި ގޮތުގައި ވިޔަފާރި މުއާމަލާތްތަކެއް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ އޮޅުންބޮޅުން ބޮޑު ދުވަސްވަރެއް ކަމަށެވެ.

ރަޝިއާ އާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމުގެ ކުރިން ޔުކްރޭންގެ ބިންތައް އަނބުރާ ޔުކްރޭން ހޯދަން ޖެހޭނެ ކަމަށް އާންމު ރައްޔިތުން ވެސް ބުނާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.