އިމްރާން އަބްދުﷲ

އިމްރާން މި ފަހަރު ކިޔައިދެއްވީ ސިޔާސީ ރޭހުގަައި ކާމިޔާބު ހޯދޭނެ ގޮތް

ސިޔާސީ ރޭހުގަައި ކާމިޔާބު ހޯދޭނެ ގޮތް ތަފްސީލު ކޮށްދެއްވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓްވީޓެއް ކުރައްވައިފި އެވެ.

ހޯމް މިނިސްޓަރު ކަމަށް ވަޑަައިގެންނެވި ފަހުން ރަސްމީ ހައިސިއްޔަތުން ނޫނީ އިމްރާން ޓްވީޓް ނުކުރައްވައެވެ. ނަމަވެސް މި ޖުލައި ފެށުނީއްސުރެ އޭނާ ގެންދަވަނީ އެކި މައުލޫތަކަށް ޓްވީޓް ކުރައްވަމުންނެވެ. ފުރަތަމަ ޓްވީޓް ކުރައްވަން ފެއްޓެވީ އަދާލަތަކީ ދީނުގެ ދިފާއަށް އުފެއްދި ޕާޓީއެއް ކަމަށާ އެ މަގުސަދުގަައި ދެމި އޮންނާނެކަން ޔަގީން ކޮށްދެއްވުމަށް ކުރެއްވި ޓްވީޓްތަކެކެވެ. ނަމަވެސް އެ ޓްވީޓްތަކަށް އެތައް ބައެއްގެ ފާޑުކިޔުންް އަމާޒުވިއެވެ. ދީނީ ދެ އިލްމުވެރިއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަމުންދާތީ އިލްމުވެރީން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އިލްމުވެރީންނަށް އަނިޔާއެއް ނުދެއްވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިއެވެ. އެ ޓްވީޓާއެކުވެސް ފާޑުކިޔުން އިތުރުވީ އެވެ. ނަމަވެސް އިމްރާން ގެންދަވަނީ ފުލުފުލުގައި ޓްވީޓް ކުރައްވަމުންނެވެ.

ގިނަ ފަހަރު ޓްވީޓް ކުރައްވަނީވެސް މުނާސަބަތު ނޫން ވަގުުތުތަކުގައެވެ. އެންމެ ފުރަތަމަ ޓްވީޓެއް ކުރެއްވީ މެންދަމުއެވެ. މިއަދުގެ ޓްވީޓް ކުރެއްވީ ހެނދުނު 6:15 ގައެވެ.

އެ ޓްވީޓްގައި ވިދާޅުވީ ސިޔާސީ ރޭހުގައި ދުރު ރާއްސާ ކާމިޔާބެއް ހޯދޭނީ ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރި މީހަކަށް ނުވަތަ ބަޔަކަށް ކަމަށެވެ. މި ޓްވީޓް ކުރެއްވި ހަގީގީ ސަބަބެއް ވެސް ސާފުކޮށް ދެއްވާފައެއް ނުވެއެވެ.

މި ޓްވީޓަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ އިމްރާންގެ ޓްވީޓްގައި މުހާތަބު ކޮށްފައިވަނީ އޭނާގެ އަމިއްލަ ނަފްސާތޯ ސުވާލު ކޮށްފައެވެ. އަދި ކާމިޔާބެއް ހޯދޭނީ ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރި މީހަކަށް ނުވަތަ ބަޔަކަށް ކަމަށް ވިދާޅުވިއިރު އިމްރާންގެ ކިބައިން ފެނިގެން ދަނީ އެއާ ދިމާ އިދިކޮޅު ސިފަ ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާފައިވެއެވެ. އިމްރާން އާއި އަދާލަތު އިސްކަން ދެނީ މަގާމާއި ފައިސާއަށް ކަމަށްވެސް ފާޑުކީ ބައެއް މީހުން ބުނެފައިވެއެވެ.

މިފަހުން އިމްރާން ތަފާތު ޓްވީޓްތައް ކުރައްވަން ފެއްޓެވީ ހޯމް މިނިސްޓަރު ކަމުން ބަދަލު ކުރެއްވުމަށް ރައީސް ނިންމެވުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިމްރާންވެސް އަދި ސަރުކާރުންވެސް އެކަމާއި ގުޅޭ އެއްވެސް ވާހަކައެެއް ހާމައެއް ނުކުރެއެވެ.