ޔުކްރޭންގެ އޮދެއްސާ ބަނދަރަށް ދިން ހަމަލާގެ ތަފުސީލް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުން ހަމަލާދިނީ އޮދެއްސާ ބަނދަރުގައި އާންމުން ހާޒިރުވެ އުޅޭ ސަރަހައްދަކަށް ކަމަށް ހުޅަނގަށް ވާގިވެރިވާ ގައުމުތަކުން ބުނި ނަމަވެސް އެކަން ހިނގައި ދިޔައީ އެގޮތަކަށް ނޫނެވެ.
އޮދެއްސާ ބަނދަރަށް ހަމަލާދިން ގޮތާއި ހަމަލާދިން ސަބަބު ބަޔާންކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ދެ އަމާޒަކަށް ކުރޫޒު މިސައިލުން ހަމަލާ ދެވުނެވެ. އެއީ ބަނދަރުގައި އޮތް އަސްކަރީ ބޯޓަކަށާއި ބަނދަރު ސަރަހައްދުގައި ހުރި "ހާޕޫން މިސައިލް" ރައްކާކުރާ ގުދަނަކަށެވެ.
ރަޝިއާގެ ހަމަލާ މަދަނީ ތަރައްގީއަށް އަމާޒުކޮށްފައި ނުވާނެ ކަމަށް ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަމަލާތަކަކީ ވަރަށް ހުޝިޔާރު އަދި އެހައި ސީދާ ހަމަލާތަކެއް ކަމަށާއި އަމާޒުން ކައްސާލާފައި ނުވާ ކަމަށެވެ.
ހާޕޫން މިސައިލަކީ ކޮންމެ މޫސުމެއްގައި ވެސް ބޭނުންކުރެވޭ ގޮތަށް އެމެރިކާގައި އުފައްދާ މިސައިލެކެވެ. މި މިސައިލަކީ ވަރަށް ތިރިން ރާޑަރުތަަކަށް ފިލައިގެން ދަތުރުކުރާ މިސައިލެކެވެ.
ޔުކްރޭނަށް ހާޕޫން މިސައިލްތައް ފޯރުކޮށްދެނީ އެމެރިކާއިން ނެވެ. އަސްކަރީ އެހީގެ ގޮތުގައި ބަންޑެލިކުރާ އާލާތްތަކުގެ ތެރޭގައި ބާރުގަދަ މިސައިލް ވެސް އެމެރިކާއިން ޔުކްރޭނަށް ސަޕްލައިކޮށްދެ އެވެ.
ރަޝިއާއިން އޮދެއްސާ ބަނދަށް ދިން ހަމަލާ މުޅި ދުނިޔެ އޮތީ ކުށްވެރިކޮށްފަ އެވެ. އެއީ އޮދެއްސާ ބަނދަރު މެދުވެރިކޮށް ދުނިޔެއަށް ގޮވާން ބޭރުކުރުމަށް ރަޝިއާ އާއި ޔުުކްރޭން އާނބަސް ކިޔައި ތުރުކީގައި އެއްބަސްވުމެއްގައި ސޮއިކުރިތާ ވަގުތުކޮޅެއްގެ ތެރޭގައި ހިނގާ ދިޔަ ކަމަކަށް ވާތީ އެވެ.
ރަޝިއާއަށް އަމާޒުކޮށް ފާޑުކިޔާ މީހުން ބުނާ ގޮތުން ރަޝިއާ އަކީ އެއްބަސްވުމެއް ވެސް ދަމަހައްޓަން ދަންނަ ބައެއް ނޫނެވެ. ތަންތަން ސުންނާފަތި ކުރުމާއި މީހުން މެރުން ނޫން ކަމެއް ޔުކްރޭންގައި ރަޝިއާ ސިފައިން ނުކުރެ އެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނުން މަސައްކަތްކުރީ ދަނޑިވަޅު ބަލާފައި އޮދެއްސާ ބަނދަރު ސަރަހައްދުގައި މިސައިލް ހަރުކުރާށެވެ. އަދި ގޮވާން ބޭރުކުރުމުގެ ނަމުގައި އަސްކަރީ ބޯޓަށް ހަތިޔާރު ބަރުކުރަން މަސައްކަތްކުރި ކަމަށް ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަސްކަރީ ސިފަ ނެތް އެއްވެސް ތަނަކަށް ހަމަމާ ނުދޭނެ ކަމަށް ރަޝިއާ ބުނެ އެވެ. އަދި ބުނީ މަދަނީ އެއްވެސް ބިނާއަކަށް ރަޝިއާގެ ހަމަލާތައް އަމާޒުނުކުރާނެ ކަމަށެވެ. އެއީ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓާ ވައުދެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވި އެވެ.