އަބްދުﷲ ޖާބިރު

ބޮއިކޮޓް ހިސާބު ދިމައެއްނުވޭ، ރައީސް ޔާމީން ރާއްޖެ ބަދަލުކޮށްލާނެ: ޖާބިރު

Jan 7, 2016
2

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކައާއި ކުރާ މަސައްކަތްތަކަކީ ހިސާބު ދިމާވާ ވާހަކަތަކެއް ނޫން ކަމަށާއި ރާއްޖޭގެ އިގްތިސޯދު ތަރުތީބުކޮށްލައި ރާއްޖެ ބަދަލުކޮށްލުމުގެ ގާބިލުކަން ރައީސް އަބްދުﷲ ޔާމީނުގެ ކިބައިގައި އެބަހުރި ކަމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އިދިކޮޅު އެމްޑީޕީ އާއި އެޕާޓީއާ ގުޅިފައިވާ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ދައްކާ ވާހަކަ އާއި ގޮވާ ގޮވުންތަކުން ނުކުންނާނެ އެއްވެސް ނަތީޖާއެއް ނެތް ކަމަށެވެ.

"އަންބާ ކިޔާފައި ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވިޔަސް އެއީ ހިސާބު ދިމާވާ ވާހަކައެއް ނޫން އެ ކަމެއް ނުވާނެ. އެކަން ހަމަ ނުވާނެ. ރައީސް ޔާމީން ރާއްޖެ ބަދަލުކޮށްލައްވާނެ އެ ގާބިލްކަން އެމަނިކުފާނުގެ ކިބައިގައި އެބަހުރި އަޅުގަނޑަށް އެކުގައި މަސައްކަތް ކުރެއްވި އަޅުގަނޑު ދަންނަ ބޭފުޅެއް އެއީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ޓޫރިޒަމް ބޮއިކޮޓް ކުރަނީ ރާއްޖެއިން އިސްލާމް ދީން ފޮހެލަން ކަމަށް ވަންޏާ އެކަންވެސް ކާމިޔާބު ނުވާނެ ކަމަށާއި ސަބަބަކީ އެއީ ދިވެހި ރައްޔިތުންގެ ނިންމުމަކަށްވާތީ ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމް ބޮއިކޮޓް ކުރަނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް މިނިވަން ކުރަން ކަމަށްވަންޏާ އެކަންވެސް ވާން ނެތް ކަމަށާއި ސަބަބަކީ އެއީ ޖުޑީޝަރީގެ ތެރެއިން ހިނގާފައިވާ ކަމަކަށްވުމުން އެކަމަށް ފަރުވާ ހޯދަން ޖެހޭނީ ޖުޑިޝަރީގެ ތެރެއިން ކަމަށްވާތީ ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދު ބިނާވެފައި ވަނީ ޓޫރިޒަމަށް އެކަން ހަލާކެއް ނުކޮށްލެވޭނެ. އެކަމާ ގުޅުވައި ސިޔާސީ ވާހަކައެއް ނުދެއްކޭނެ ޓޫރިޒަމް ބޮއިކޮޓް ކުރާ ވާހަކައަކީ ސިޔާސީވާހަކައެއް ނޫން. ސިޔާސީ ވާހަކަ ޑައިލޮގު އުފައްދައިގެން ދައްކާ ވާހަކައިން އެކަން ކަމަށް ހައްލު ހޯއްދެވީމާ ނިމުނީ. ރައީސް ޔާމީން ވަނީ އެ ސިޔާސީ ވާހަކަ ދައްކަން ހުޅުވާލާފައި އެހެންވީމާ އެދިމާއިން އެ މައްސަލަ ހައްލު ކުރަންވީ. ޓޫރިޒަމް ބޮއި ކޮޓް ކޮށްގެން އެއީ ވާނެ ކަންކަމެއް ނޫން. އެ ގޮތަކަށް އެކަމެއް ނުވާނެ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް ބޮއިކޮޓް ކުރަން ކުރާ ކަންކަމަކީ ވެސް ލޮބީ ކުރުމެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔޭގެ އެއް ނަމްބަރު ޕްރޮޑްކްޓަށްވެފައި އެތައް ބިލިޔަން ޑޮލަރެއް އިންވެސްޓްކޮށްފައިވާ އިންވެސްޓަރުން ތިބުމުން ބޮއިކޮޓް ކުރަން ދައްކާ ވާހަކަތަކާ ދެކޮޅަށް ކުރާ ލޮބީގެ ބާރު މާ ގަދަވާނެ ކަމަށެވެ.

"ރައީސް ޔާމީން ކަންކަން ހޭންޑްލް ކުރައްވާނެ. މުޅި ޓޫރިޒަމް އިންޑަސްޓްރީ ރައީސް ޔާމީނާއެކު ނުކުމެ ބޮއިކޮޓް ކުރުމާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ކުރައްވާނެކަން ޔަގީން،" ޖާބިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީނާއެކު މުޅި އިންޑަސްޓްރީ ނުކުތުމަށް އޭނާ ގޮވާލައްވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަށް މިއައީ ވަރަށް ހަލަބޮލު ދުވަސްތަކެއް ކަމަށާއި އެހެން ނަމަވެސް ކަންކަމުގައި އިސް ނަންގަވައި ޕްލޭންތަކެއް ކުރައްވައި ރައީސް ޔާމީން ރާއްޖޭގެ ކަންކަން ތަރުތީބުކޮށްލައްވާފައިވާ ކަމަށާއި ރާއްޖޭގެ އިގްތިސޯދަކީ 20 ބިލިއަން ޑޮލަރުގެ އިގްތިސޯދަކަށް ރައީސް ޔާމީނަށް ހެއްދެވޭނެ ކަމަށެވެ.

"ކުރިޔަށް އޮތީ އުފާވެރި ހަބަރު. ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ،"

މީޑިއާ އާއި ސިޔާސީ ދާއިރާގައި ދުރުގައި ހުންނެވުމަށްފަހު މިރޭ މީޑިއާއިން ފެނިލުމުގައި ޖާބިރު ވިދާޅުވީ ރައީސް ޔާމީނާއެކުގައި މަސައްކަތް ކޮށްލަން އަބަދުވެސް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށައި ޕީޕީޕީއެމާ ގުޅުމަކީ ވެސް އެކުގައި މަސައްކަތް ކުރުމަކީ އެފަދަ ފުރުސަތެއް ލިބިވަޑައިގެންފިނަމަ ކުރެވިދާނެ ކަންކަން ކަމަށެވެ. ނަމަވެސް އެއީ ފަހުގެ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްްރަހު އަޅުގަނޑަށް ފެންނަނީ ވަރަށް ސާފުކޮށް. ހަމައެއާއެކު އަޅުގަނޑު ވެސް ސިޔާސީ ދާއިރާއަށް އެނބުރި އައުމަށް ޝައުގުވެރިވަން. ރައްޔިތުންގެ މަޖިލީހަކީ އަޅުގަނޑު ވަރަށް އުޅޭހިތްވާ ދާއިރާއެއް. އަޅުގަނޑުގެ ހައްގު ގޮނޑި އަޅުގަނޑަށް ގެއްލުނީ ، އަޅުގަނޑު އެނބުރި އަންނާނަން،"

ޖާބިރު ވިދާޅުވީ ޑެލިގޭޓް ކުރެއްވުމުގައި ރައީސް ޔާމީނަކީ ވަރަށް މޮޅު ބޭފުޅެއް ކަމަށައި ސަރުކާރުގެ ތެރޭގައި މިހާތަނަށް އޮތް ކަމަށް އޮތް ދަތިވެސް ކުރީގެ ނައިބު ރައީސް އަދީބަށް ފަހު ހައްލުވެފައިވާ ކަމަށެވެ. މިހާރު ސަރުކާރުގެ ތެރެއިން ފެންނަޖެހޭ ކަމަކީ ކަންކަމުގެ ސްޕީޑް އަވަސްވެ ވަޒީރުންނަކީ ރިލެކްސް ބޭފުޅުން ކޮޅަކަށްވެގެން ބާރަށް މަސައްކަތް ކުރައްވީ ކަމަށެވެ.