މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު އަނބުރާ ނަންގަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފުރަތަމަ ފޮނުއްވި ސިޓީއެއްގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ސިޔާސީ ވާދަވެރިކަން ދޫކޮށްލުމުގެ ގޮތުން އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނުގެ އެހީތެރިކަން ވެސް ސަރުކާރުން ހޯދުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ.
ނަމަވެސް ފަހުން ރައީސް ނަޝީދަށް ޖާބިރު ދެވަނަ ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި ވަނީ ޔާމީނަށް ކުރި ހުކުމުގެ މައްސަލައަކީ ހައި ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ އާއި މަޖިލީހުން އަލުން އެ ކަމުގެ މަސައްކަތް ކުރުމަކީ ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމެއްގައި އެދެވޭ ގޮތަކަށް ނުވާނެތީވެ އެ ގަރާރު އަނބުރާ ނަންގަވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން މިހާތަނަށް ދައުވާކޮށް ހުކުމް ކޮށްފައި ވަނީ ވެސް ރައީސް ޔާމީންގެ މައްޗަށް އެކަންޏެވެ. އެ މައްސަލާގައި ބޮޑެތި ތުހުމަތުތައް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ޔާމީންގެ ވެރިކަމުގައި ހުކުމް ކުރި ނަމަވެސް ފަހުން މި ވެރިކަމުގައި މަތީ ކޯޓުތަކުން އެ ހުކުމްތައް ބާތިލު ކުރި އެވެ. ފަހުން އަލުން ދައުވާ ކުރި ނަމަވެސް ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ.
ރައީސް ޔާމީން ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގަބޫލު ކުރަނީ އެ މަނިކުފާނުގެ މައްޗަށް ނުހައްގު ދައުވާއެއް އުފުލައި އިއްވާފައި ވަނީ ނުހައްގު ހުކުމެއް ކަމަށެވެ. އެންމެ ބޮޑު ސަބަބަކަށް އެ ކޯލިޝަނުން ބުނަނީ ވެސް ޔާމީންގެ މައްޗަށް އެކަނި އެ މައްސަލާގައި ހުކުމް އިއްވުމެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއިރު، ކޮވިޑްގެ ހާލަތާ ގުޅިގެން އެ ޝަރީއަތްތައް ވެސް ވަނީ މެދުކެނޑިފަ އެވެ.
ސިޔާސީ މައިދާނުގައި ރައީސް ޔާމީނާ އެންމެ ވާދަވެރިކޮށް އުޅުއްވާ ރައީސް ނަޝީދު ވެސް ފަހުން ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ އިންސާފެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.