ބޮލީވުޑް

ދިޝާގެ ސިފަ ސްކްރީނުން ބަލަން އޭނާ ބޭނުމެއް ނުވޭ!

ދިޝާ ޕަޓްނީ އަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ގިނަ މީހުންނަށް ރީތިވާ އެއް ބަތަލާ އެވެ. ސޯޝަލް މީޑީއާގައި ދިޝާ ޝެއާ ކުރާ ފޮޓޯތަކަށް ބޮޑު ތަރުހީބެއް ލިބެމުން ދިއުމަކީ މީގެ ހެއްކެކެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދިޝާގެ ހަށިގަނޑުގެ ބައްޓަން ވެސް ވަރަށް ފުރިހަމަ އެވެ. އަދި ސިފަ ވެސް އެހާމެ ރީއްޗެވެ. ނަމަވެސް "އޭކް ވިލަން ރިޓާންސް"ގެ ބަތަލާ އަކަށް ވެސް އޭނާގެ ސިފަ އެހާ ކަމަކު ނުދެ އެވެ.
ހަގީގަތުގައި ދިޝާ ސްކްރީނުން ބަލަން ޚުދް އޭނާ ވަރަށް ފޫހިވެ އެވެ.

ދިޝާ މިހާރު ބިޒީވެގެން އުޅެނީ ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު އަދި ތާރާ ސުތާރިއާ އާއެކު އޭނާ ކުޅެފައިވާ "އޭކް ވިލަން ރިޓާންސް" ރިލީޒްކުރާ ދުވަސް ކައިރިވަމުން އަންނާތާ އެ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ.

ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ހޯސްޓް ސިދާންތު ކަނަން އަށް ދިން އިންޓަވިއު އެއްގައި ދިޝާ ބުނީ ވަރަށް ގިނަ މީހުންނަށް އޭނާ އަކީ ހުރިހާ ގޮތަކުން ވެސް ފުރާ ފުރިހަމަ ވެފައިވާ ބަތަލާއެއްގެ ގޮތުގައި ފެންނަ ކަމަށެވެ. ނަމަވެސް ދިޝާ އަމިއްލައަށް އޭނާގެ ފިލްމުތަކާއި ވީޑިއޯތައް ބަލާކަށް ބޭނުމެއް ނުވެ އެވެ.

"އަހަންނަކަށް އަހަރެން ކުޅެފައި ހުންނަ މަންޒަރުތަކެއް ނުބެލޭނެ. އެއީ އަހަންނަށް އެ ކަމުނުދާތީ. އަހަރެން ކުޅެފައިވާ ފިލްމެއް ބެލިޔަސް ގިނައިރު އަހަރެން އިންނަނީ ލޯ މަތީ އަތް އަޅައިގެން،" ދިޝާ ބުންޏެވެ.