އެމްޑީޕީގެ ޗެއާޕާސަންގެ ނައިބްގެ މަގާމަށް ކުރިމަތިލުމުގެ ވަގުތު މިއަދަށް ހަމަވިއިރު ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެމްޑީޕީގައި ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ނައިބު އިދާރީ އަދި ނައިބު މާލީ އެވެ.
ޗެއާޕާސަން ނައިބް އިދާރީގެ މަގާމަށް ކުރިމަތިލެއްވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބްރޭ) އެވެ. އޭނާ އަކީ ނިމިގެން ދިޔަ އެމްޑީޕީގެ ޗެއާޕާސަން ހޮވި އިންތިހާބުގައި ޗެއާޕާސަންގެ މަގާމު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭން މެނޭޖަރެވެ.
ޗެއާޕާސަން ނައިބް މާލީގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ. މިވަގުތު އެމްޑީޕީގެ ނައިބް އިދާރީގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު އެވެ.
އަހްމަދު އަބްދުﷲ އާއި އަލީ ނިޔާޒުގެ މަގާމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު އެވެ.
ޗެއާޕާސަން ނައިބް އިދާރީ އަކީ ޕާޓީގެ މެންބާޝިޕް ކަންތައްތައް ބެެލެހެއްޓުމާއި ކެމްޕޭންގެ ކަންތައްތައް ޗެއާޕާސަންގެ ބެލުމުގެ ދަށުން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަން ނައިބް މާލީ އަކީ މާލީ ކަންތައްތައް ބެެލެހެއްޓުމާއި ޕާޓީގެ ޗަންދާ ކަންތައްތައް ޗެއާޕާސަންގެ ބެލުމުގެ ދަށުން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަންގެ ނައިބުންގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގަ އެވެ. ނަމަވެސް ޗެއާޕާސަން ނައިބް އިދާރީ އާއި ޗެއާޕާސަން ނައިބް މާލީގެ މަގާމަށް ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެއް ކަމުން އަހްމަދާއި އިބްރޭ މަގާމަށް ހޮވުމަށް ކޮންގްރެސްގައި ވޯޓަކަށް ނާހާނެ އެވެ. އެކަމަކު އެބޭފުޅުން މަގާމުގެ ޒިންމާ އަދާކުރައްވަން ފައްޓަވާނީ އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެންނެވެ.