ޕިކްނިކް އައިލެންޑް

ކުޑަގިރީގައި ހެދި އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި

Jul 25, 2022

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑްގައި ފެނަކައިން އިމާރާތްކުރި އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި އެވެ.

މަސައްކަތް ނިމުމުން ފެނަކަ އިން މިއަދު ވަނީ ސްޓެލްކޯ އިން އެރަށުގައި ގާއިމުކޮށްފައިވާ ކަރަންޓް ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށާފަ އެވެ.

ކުޑަގިރިއަށް ކަރަންޓް ދިނުން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ނައިބް ރައީސް ފައިސަް ނަސީމު އެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ކުޑަގިރީގައި ގާއިމުކޮށްފައިވާ އިންޖީނުގެއަކީ 350 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެ ކެޕޭސިޓީ ހުރި ތަނެކެވެ.

ކުޑަގިރީގައި އިންޖީނުގެ ހަދާފައިވަނީ 50,000 ލީޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތްވެސް ހިމަނައިގެންނެވެ.

ފެނަކައިން މިހާރު ވަނީ ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސަންޓް އަވިން އުފެއްދޭނެ ވަސީލަތް ގާއިމުކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

ކުޑަގިރީގައި މިސްކިތެއް ވެސް ބިނާކުރަމުންދާއިރު ދަތުރު ގޮސް އާންމު ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ. އަދި އެރަށު ޖެޓީގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފަ އެވެ.

ކުޑަގިރި މާދަމާ ރަސްމީކޮށް ހުޅުވުމަށް ކުރިން ހަމަޖައްސާފައިވީ ނަމަވެސް މިހާރު އެރަށް ހުޅުވުން ވަނީ ފަސްކޮށްފަ އެވެ.