ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނަށް ނޫނެކޭ ނުބުނެ ރައްޔިތުން އުންމީދު ކުރާ ހަމަހަމަ ކަމާއި ކާމިޔާބީއަށް ވާސިލް ނުވެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި "އިންޖީނިއަރުންގެ މަހާސިންތާ 2019" ގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ކަމެއް ފެށުމަށް އަޅައި ބިންގާ ރަނގަޅުވެއްޖެ ނަމަ މުސްތަގުބަލުގައި ވެސް އެކަމެއް ކުރިޔަށް ދާނީ ރަނގަޅު ދިމާލަކަށް ކަމަށާއި އެހެން ނަމަވެސް މާޒީގައި ކަންތައްތައް ހިނގާފައި ވަނީ ރަނގަޅަކަށް ނޫން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގައި ވަކި ބަޔަކަށާއި ވަކި ރަށްތަކަކަށް އަމާޒުކޮށްގެން އިހުމާލުވެފައި ހުރި ކަމަށާއި ނަމަވެސް އެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި މިހާރު ހުރި ހިސާބުން ފަށައިގެން ކާމިޔާބު ހޯދަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެ ނޫން ގޮތެއް ހޯދުމަށް ވެރިކަމަށް ގެނައި މި ސަރުކާރާ ރައްޔިތުން ބޮޑެތި އުންމީދުތަކެއް ކުރާ ކަމަށާއި އެ އުންމީދުތައް ހާސިލު ކުރެވޭނީ ކޮރަޕްޝަނަށް މުޅިން ނޫނެކޭ ބުނެގެން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ހަމަހަމަ ކަމާއި ކާމިޔާބީ ހޯދޭނީ ވެސް ކޮރަޕްޝަނަށް މުޅިން ނޫނެކޭ ބުނެގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ރައްޔިތުން މި މަސައްކަތް ހަވާލު ކުރެވީ ވަރަށް ބޮޑެތި އުންމީދުތަކާއެކުގައި، އެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހާއްސަކޮށް ހިދުމަތްތައް ރަނގަޅުކޮށް އިސްރާފު ކުރުން އެއްކޮށް ހުއްޓާލައި ކޮރަޕްޝަނަށް މުޅިން ނޫނެކޭ ބުނަން ޖެހޭ. އެ ނޫން އެއްވެސް އެހެން ގޮތަކަށް ކާމިޔާބާއި ހަމަހަމަ ކަމާއި އުފާވެރިކަން ރައްޔިތުންގެ މޫނުމަތިން ދުވަހަކު ވެސް ނުހޯދޭނެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ކުންފުނިތަކުން މަޝްރޫއުތަކުގައި މަސައްކަތް ކުރަމުންދާއިރު އިހުލާސްތެރިވާން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ކުރާ ކޮންމެ ކަމަކުން ފައިދާ ނަގަން އުޅެފި ނަމަ ހުރިހާ ގެއްލުމެއް ވާނީ ރައްޔިތުންނަށް ކަމަށާއި އިހުލާސްތެރިކަމާއެކު ހިދުމަތް ދެވެން އޮތް ގޮތަކީ ސަރުކާރު ކުންފުނިތައް ހިންގުމުގައި ނިޒާމް ރަނގަޅުކޮށް، ކުރިން ހިނގަމުން އައި ކަންތައްތަކަށް ނޫނެކޭ ބުނެގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.