ޔޫރަޕްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ސަންއެކްސްޕްރެސްގެ ފްލައިޓެއްގެ ކެބިން ކުރޫންނަށް ވަރަށް ބިރުގަންނަން ޖެހޭ ކަހަލަ ކަމަކާ ދިމާވެއްޖެ އެވެ. މި ހާދިސާގެ މަންޒަރުތައް ކެބިން ކުރޫއަކު ވަނީ ރެކޯޑްކޮށް އޮންލައިނަށް އަޕްލޯޑް ކޮށްފަ އެވެ. އަދި އެއާލައިނުން ވަގުތުން މި ކަމަށް ޖަވާބު ވެސް ދީފައި ވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތުރުކީގެ އަންކާރާއިން ޑޫސެލްޑޯފަށް ދަތުރުކުރި ފްލައިޓެއްގައި ކެބިން ކުރޫންނަށް ޚާއްސަކޮށްފައިވާ ކެއުންތަކުގެ ތެރެއިން ޕާރުސަލެއް ފްލައިޓް އެޓެންޑެންޓަކު ކަނޑާލިއިރު އޭގެ ތެރޭގައި ހަރުފަބޮލެއް އޮއްވާ ވަނީ ފެނިފަ އެވެ.
ގެޒެޓް ޑުވާރުގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މީގެ ކުރިން ވެސް ކެބިން ކުރޫންނަށް ގެންނަ ކާއެއްޗެތީގައި މަޑިއާއި ފިނިހައް ފަދަ ތަކެތި ހުންނަ ކަމުގެ ޝަކުވާ އެމީހުން ކުރަމުން ގޮސްފައި ވެއެވެ.
ތުރުކީގެ އަންޓާލިޔާގައި މައި އޮފީސް ހުންނަ ސަންއެކްސްޕްރެސް އާއްމުގޮތެއްގައި ދަތުރުކުރަނީ ޔޫރަޕުން މެޑިޓެރޭނިއަންގެ ގައުމު ތަކަށެވެ. އެ އެއާލައިނުން މިކަން ކުށްވެރި ކުރަމުން ބުނި ގޮތުގައި މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެ އެއާލައިންގެ ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުންނާއި އޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެއާލައިނުން ބޭނުންވާ ގޮތް ކަމަށް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.
މި އެއާލައިނަށް ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދެނީ ސަންކެކް އިންފްލައިޓް ސާވިސްގެ ފަރާތުންނެވެ. ނަމަވެސް އެފަރާތުގެ އިހުމާލުން މިފަދަ ކަމެއް ދިމާވެފައިވާކަން ގަބޫލުކުރަން އެ ކުންފުނިން ބޭނުމެއް ނުވެ އެވެ.
އެ ކުންފުނިން ބުނާ ގޮތުގައި ކޭޓަރިން އަށް ބޭނުންކުރާ ކާނާ ހުންނާނީ އެންމެ ފުރިހަމަ އަށް ތައްޔާރުކޮށްފަ އެވެ. އަދި އެ ތަނުގެ ބަދިގެއިން މިފަދަ ކަމެއް ދިމާނުވާނެކަމަށް އެމީހުން ބުނެ އެވެ.
އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި ހަރުފަ ބޮލަކީ ފަހުން އެ ކާއެއްޗެތީގެ ތެރެއަށް ލާފައި އޮތް އެއްޗެކެވެ. މިހާރު މި ކަންތައް ކަމާ ބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.