ލައިފްސްޓައިލް

ދެ އަހަރު ކޯމާގައި އޮވެފައި ތެދުވެ ބޭބެ އާ ދެކޮޅަށް ހެކިބަސް ދީފި

މީހަކު ހަމަލަދީ ޒަޚަމްކޮށްލުމުގެ ސަބަބުން ލިބުނު އަނިޔާތަކުގެ ސަބަބުން ކޯމާގައި ދެ އަހަރު ވަންދެން އޮތް އަންހެނަކު ހޭ އަރައި އޭނާގެ ބޭބެ އާ ދެކޮޅަށް ހެކިބަސް ދީފި އެވެ.

ވެންޑާ ޕާމާ ނަމަކަށް ކިޔާ މި އަންހެންމީހާ ކޯމާއިން ތެދުވެ ބުނި ގޮތުގައި އޭނާ މަރާލަން މަސައްކަތްކުރީ އޭނާގެ ބޭބެ ޑޭވިޑް ޕާމާ އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ވާޖީނިއާގެ ފުލުހުންގެ ރަސްމީ އެފްބީ ޕޭޖްގައި ލިޔެފައިވާ ގޮތުގައި ވެންޑާ ޕާމާ ނަމަކަށް ކިޔާ އަންހެނަކު ކެއާ ސެންޓަރެއްގައި ކޯމާގައި އޮންނަތާ ދެ އަހަރު ފަހުން ހޭ އެރި ޚަބަރު ލިބުމުން ފުލުހުން އެ ސެންޓަރަށް ގޮސް އެމީހާ އާ ބައްދަލުކުރި އެވެ. ޖޫން 2020ގެ ދުވަހެއްގައި އޭނާ މަރާލަން ހަމަލަދިނީ އޭނާގެ ބޭބެކަމަށް ވެންޑާ ފުލުހުންނަށް ބަޔާންދިން ކަމަށް ވެސް މި ޕޯސްޓްގައި ބުނެފައިވެއެވެ. އަދި ވަގުތުން ފިރިހެންމީހާ ހައްޔަރުކޮށް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް މި ލިޔުމުގައި ބުނެފައި ވެއެވެ.

ވެންޑާ އަށް ހަމަލަ ދީފައިވަނީ ކޮޓެޖްވީލް ކިޔާ ރަށެއްގައި ހުންނަ އޭނަގެ އަމިއްލަ ގޭގައި ހުއްޓަ އެވެ. ވެންޑާ ޒަޚަމްވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދިޔަ ނަމަވެސް އޭނާއަށް ހަމަލަ ދިން މީހަކު ފުލުހުންނަށް އެއްގޮތަކަށް ވެސް ހޯދޭނެ ގޮތެއް އޮތީ ނެތިފަ އެވެ. ވެންޑާ އަށް ހަމަލަ ދިން މީހަކު ހޯދޭނެ އެއްވެސް ގޮތެއް ނެތި މި މައްސަލަ މިހާތަނަށް ވެސް އޮތީ ތަހުގީގު ނުކޮށް ހުއްޓި ފައެވެ.

ފުލުހުންނަށް ވެންޑާ ފެނުނުއިރު އޭނާ އޮތީ ބޮލަށް ލިބުނު ބޮޑެތި ޒަޚަމްތަކުގެ ސަބަބުން ކޯމާއަށް ގޮއްސަ އެވެ. ފުލުހުން ފުރަތަމަ ހީކުރީ ވެންޑާ އޮތީ މަރުވެފައި ކަމަށެވެ. ނަމަވެސް އޭނާއަށް ނޭވާ ނުލެވިފައި އޮތީކަން އެނގުނީ ފަހުންނެވެ.

ކޯމާގައި އެހާ ގިނަ ދުވަހު އޮތުމުގެ ސަބަބުން ވެންޑާ އަށް ރަނގަޅަށް ވާހަކަ ނުދެއްކުނު ނަމަވެސް އޭނާ މަރާލަން އުޅުނީ ބޭބެ ޑޭވިޑް ކަން ވެންޑާ ވަނީ ބުނެދީފަ އެވެ. އަދި ވެންޑާ ބަޔާން ދިނުމާއެކު ޑޭވިޑް ހައްޔަރު ކުރީ އެވެ.

މެޓްރޯ ނިއުސްއަށް ދިން އިންޓަވިއު އެއްގައި މި މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އިސް އޮފިސަރު ބުނި ގޮތުގައި ވެންޑާގެ ހެކިބަސް ފިޔަވައި މި ކަމުގައި ކުރިޔަށް ދެވޭނެ އެއްވެސް ގޮތެއް ތަހުގީގު ޓީމަށް އޮތީ ނުފެނިފަ އެވެ. ސަބަބަކީ ހަމަލަ އާ ގުޅޭ އެއްވެސް ހެއްކެއް ފެންނަން ނެތީމަ އެވެ.

ވެންޑާ ކޯމާ އިން ތެދުވެ ހެކިބަސް ދިނުމުން އޭނާގެ ބޭބެ ހައްޔަރުކުރަން ދިއުމުން އެއްވެސް ގަދަހެދުމެއް ދެކޮޅު ހެދުމެއް ނެތި އޭނާ ފުލުހުންނާއެކު ދިޔަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މިކަން ވެސް ފުލުހުންނަށް ވީ ހައިރާންވާ ވަރުގެ ކަމަކަށް ކަމަށް ބުނެފައި ވެއެވެ.