މިނިވަން ގައުމެެއްގެ ގޮތުގައި ދެމި އޮތުމަށް ފުރަތަމަ ހިމާޔަތް ކުރަން ޖެހޭނީ ދިވެހީންގެ އީމާނާ އަގީދާ ކަމަށާ މާތް ވެގެންވާ އިސްލާމް ދީން ހިމާޔަތް ނުކޮށް ދިވެހީންގެ މިނިވަން ނުދެމެހެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި މިއަދު ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާލް އެކީ- އެއްމާރަކުން ބަނދެވިގެންވާ ހަގީގީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި އެދީނުގެ ރިސާލަތާއި ހިދާޔަތުން ދިވެހި އުންމަތް އެކު އެކީ އަލިވެ އުޖާލާވެގެން ދިއުމަކީ ދެ ދުނިޔޭގައިވެސް ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަސީބާ ރަހްމަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ ފުރާ ފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތެއް އޮތުން ކަމަށެވެ.
"ދުނިޔޭގެ އަރި-ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް އަޅުގަނޑުމެންނަށް ލާޒިމް. އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ހިމާޔަތް ކުރަން ޖެހެނީ އަޅުގަނޑުމެންގެ އީމާނާ އަގީދާ. މާތްވެގެންވާ އިސްލާމްދީން،" ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އަރި-ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް އަޅުގަނޑުމެންނަށް ލާޒިމް. އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ހިމާޔަތް ކުރަން ޖެހެނީ އަޅުގަނޑުމެންގެ އީމާނާ އަގީދާ. މާތްވެގެންވާ އިސްލާމްދީންއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސްގެ ވާހަކަފުޅުގައި ދިވެހިންނަކީ ފެށުނީއްސުރެ މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށާ އެކީ އެކަތިގަނޑެއްގެ ގޮތުގާ މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ގުރުބާނީއެއް ދިވެހިން ވެފައިވާ ކަމަށް ވިދާޅުވިއެވެ. އިންޑިއާ ކަނޑަށް ދޮށީ މި ގައުމުގެ ލިޔެވިފައި ނެތް ގަދީމީ ތާރީހާއި އޭގެފަހުގެ ތާރީހުން މި މަންޒަރު ސާފުކޮށް ބަޔާންވާ ކަމަށް ވިދާޅުވިއެވެ. އަދި މިނިވަން މުސްތަގިއްލު އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ ދިވެހިން ރުހޭ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެންމެން އެކުގައި އެއްބައިވަންތަވެ އެކަތި ގަނޑަކަށް ވެގެން މެނުވީ މިނިވަންކަން ލިބުނު ގައުމެއް ޖަމާއަތެއް ނެތް. އަދި މިނިވަންކަމުގެ މަތީގައި ދެމިތިބުމަށްޓަކާ ވެސް އެނޫން އެހެން ގޮތެއް ނޯވޭ. އެދޭ ގޮތާއި ދެކޭ ގޮތާއި ގަބޫލު ކުރާ ގޮތާއި އެކުއެކީ ކަންކަމުގައި ހިޔާލު ތަފާތު ވުމަކީ އިންސާނީ ތޮބީއަތް. ކޮންމެ ބައެއް ކަމުގައިވިޔަސް އެއީ އެކަން އޮންނަ ގޮތް. އެހެން ނަމަވެސް މިނިވަންކަމުގެ ރާސްތާ އޮމާންކަމާ އަމާންކަމުގައި ގަރާރުވެ ދެމިއޮތުމަށްޓަކައި މިދެންނެވި ހުރިހާ ތަފާތެއް އެއް ފަރާތް ކުރަން ޖެހޭ. ސަބަބަކީ މިނިވަން ކަމުގެ އުފަލާއި އޭގެއަސަރާ ރަހަ އެހެން ހުރިހާ އިހްސާސަކާ ތަފާތު. މިނިވަން ކަމުން ފަރުދުންނަށް ލިބޭ ހައްގުތަކާއި އިމްތިޔާޒާ އިހްތިޔާރަކީ އެންމެނަށް ހަމަހަމަ އެކައްޗެއް،" ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގަައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މިނިވަން ކަމަށްޓަކާ ގައުމެއްގެ ދާހިލީ އަދި ހަރިޖީ ސިޔާސަތުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ތަރައްގީ އާއި ކުރިއެރުމަށް ލާބަހުރި ފަހި ސިޔާސަތެއް ކަމަށާ ދިވެހި ދައުލަތް އޭގެ ކީރިތިކަމާއި މޫރިތި ކަމާއެކު ހިނގަމުން ދަނީ އަބަދުމެ ފުރިހަމަ މިނިވަން ކަމާއެކު ކަމަށް ވިދާޅުވިއެވެ.
ގައުމެއްގެ ސިޔާދަތީ މިނިވަންކަމަކީ ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ އާއިލާއާ އެކު ގުޅިގެން އުޅުމަށް ލިބޭ އެންމެ ބޮޑު ފަހިކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގެންފައިވާ ތިލަފަތް ހަމަ ހަރުދަނާ ސިޔާސަތެއް ކަމަށެވެ. ރާއްޖެއިން ގައުމުތަކާއެކު އޮންނަ ގުޅުންތައް މިހާރު ބަދަހި ކަމަށާ ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އަދާކުރާ ދައުރު މިކަންކަމަށް ހެކިދޭ ކަމަށެވެ. އަދި ސަރުކާރުން ދިވެހީންގެ ހާރިޖީ ތަރުތީބު އަބަދުވެސް ހިނގާން ޖެހޭނީ ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރި ކަމަށް އެންމެ މަންފާ ބޮޑު ގޮތުގައި ކަމަށް ވިދާޅުވިއެވެ.
"ދައުލަތުގެ އެންމެ އިސް ޒިންމާ އަކީ މި ގައުމުގެ އަމިއްލަވެރިކަމާ މިނިވަންކަން ދަމަހައްޓާ ދިވެހި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން. ރާއްޖޭގެ ސަލާމަތީ ހިދުމަތް ތަކުން ރެޔާ ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެ މަސައްކަތް. އެތެރެއާ ބޭރުން ނުރައްކާ ކޮށްފާނެ ކޮންމެ ހާލަތަކަށް އަބަދާ އަބަދު ހޭލާ ތިބެނީ ރާއްޖޭގެ ސިފައިންނާ ފުލުހުން. އެބޭފުޅުންގެ މުގައްދަސް ގައުމީ ވާޖިބު އަދާކުރެއްވުމުގައި ހިމަ ނަރެއްގެ ޖާގަ ދެއްވުމަށްވެސް ތައްޔާރެއް ނޫން. އަދި އެންމެ އެސްފިޔަ އެއް ޖަހާލާނެހާ ވަގުތު ކޮޅެއްވެސް އެބޭފުޅުން އިސްރާފެއް ނުކުރައްވާ. ނަތީޖާއަކީ އޭރުވެސް މިހާރުވެސް އަދި އިރާދަކުރެއްވިއްޔާ ތާއަބަދަށްވެސް މިނިވަން ދިވެހިރާއްޖެ ، މިނިވަން ކަމުގައި ދެމިއޮތުން،" ރައީސް ވިދާޅުވިއެވެ.