ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ދިވެހި ބަހުން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްވީޓް ކުރައްވައިފި އެވެ.
ރައީސް ޔާމީން ދިވެހި ބަހުން ޓްވީޓް ކުރައްވާފައި މިވަނީ އެމަނިކުފާނު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަދައްކަވާއިރު ދިވެހި ބަހުން ދުވަހަކު ވެސް ޓްވީޓް ނުކުރައްވާތީ ބައެއް މީހުން އެކަމުގައި އެމަނިކުފާނަށް ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ.
ރައީސް ޔާމީން މިއަދު ދިވެހި ބަހުން ޓްވީޓް ކުރެއްވީ ދިވެހި ގައުމު އަބަދަށް މިނިވަންކަމުގައި ލެހެއްޓެވުމަށާއި ޚާއިނުން ބަލިކުރުމަށް އެދިވަޑައިގެންނެވެ.
"މިނިވަންކަންމަތީ ދިވެހިރާއްޖެ އަބަދަށްމެ ލަހައްޓަވާށި. ޚާއިނުން ބަލިކަށި ކުރައްވާށި. ގައުމަށް އުފާ ފާގަތިކަން މިންވަރު ކުރައްވާށި. އާމީން،" ރައީސް ޔާމީންގެ ޓްވީޓްގައިވެ އެވެ.
ދިވެހި ބަހުން ޓްވީޓް ނުކުރައްވާ މައްސަލައިގައި ރައީސް ޔާމީން މީގެކުރިން ވަނީ ވާހަކަފުޅު ވެސް ދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދިވެހި ބަހުން ޓްވީޓް ނުކުރައްވަނީ ޓްވިޓާގައި ކުރައްވާ ޕޯސްޓްތަކުގައި އަކުރުތަކާއި ބަސްތައް ބޭނުންކުރެވެނީ ވަކި އަދަދަކަށްވެފައި އެ އަދަދަށް ފައްތައިގެން ދޭން ބޭނުންވާ މެސެޖު ކުރުކޮށް ނުދެއްވޭތީ ކަމަށެވެ.
ރައީސް ޔާމީން ގެންދަވަނީ ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ވަކިން ހާއްސަކޮށް އިންޑިއާގެ ނުފޫޒުން ދިވެހި ގައުމު މިނިވަންކުރުމަށްޓަކައި ހުއްޓާނުލައްވާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.