ވާހަކަ

އިޙްސާސްވޭ

( 24 ޖުލައި 2022 އާ ގުޅޭ )

"މައްޔު... އިވާން އައިސް އެބައިން." މާޔަލް ފޯނުކޯލު ނެގުމާއެކު މަންމަ ބުނި އަޑު އިވުނެވެ. ހަމަ އެވަގުތު މާޔަލްގެ ފޯނަށް އިތުރު ކޯލެއް އަންނަން ފެށިއެވެ.

"ހާދަ ހެނދުނާ. މިއަދު އޮފީހަށް ނުދަނީތަ؟." މާޔަލްއަށް ބުނެވުނެވެ. އޭރު އޭނާއަށް އިވާން ގުޅަނީއެވެ.

"ނުދަމޯ. އަތަށް ތަދުކޮށްލައިގެން އުޅެނީ. އަތަށް އެއްޗެއް ލައްވާފަ އޮތީ. މައްޔުއަށް މެސެޖުކުރި ވާހަކަ ބުނި. މަންމަ ކީކޭ ބުނަންވީ." އާމާލް ބުންޏެވެ. އެއާއެކު މާޔަލްއަށް ވިސްނާލަން މަޖުބޫރުވިއެވެ. މަންމަ މެދުވެރިކޮށް އިވާނަށް މެސެޖު ފޯރުކޮށްދިނުން ރަނގަޅު ޚިޔާލަކަށް ނުވާނޭ އޭނާ ހިތަށް އެރިއެވެ. އަދިވެސް އޭނާ އެ އުޅެނީ ވަޒީފާއަކަށް ދާކަން އިވާނަށް ސިއްރުކޮށްގެންނެވެ.

"މަންމަ ބުނީންތަ އަހަރެންވީތަނެއް؟." މާޔަލް އަވަސް އަވަހަށް އަހާލިއެވެ.

"ބޭރުގައޭ ބުނީ. މައްޔު ނުބުނަންދޯ ވަޒީފާ ލިބުނު ވާހަކައެއް." އާމާލް ޔަގީންކޮށްލިއެވެ.

"އަދި ނުބުނެވިފަ... މަންމަ އެއްވެސް އެއްޗެއް ބުނާނެކަމެއްނެތް. އަހަރެން އިވާނަށް ގުޅާނަން. މަންމާ، މިވަގުތު ބިޒީ އިނގޭ." މާޔަލް ފޯނުކޯލު ކުރުކޮށްލީއެވެ. އައިރިކްގެ ސަބަބުންނެވެ. އޭނާއާ ދުރަށް އެންމެ ތަންފުކެއް ވެސް އައިރިކް ނުޖެހުނެވެ.

"އައިރިކް. ކިހިނެއްތަ ތިއުޅެނީ. ދޫކޮށްލަބަލަ." އައިރިކް ދުރަށްލެވޭތޯ އޭނާ ކޮށްޕަމުން މާޔަލް ވާހަކަދެއްކިއެވެ.

"މިހާރު މިހުރީ އިންސާނަކަށްވެގެން. އެކަމަކު މާޔާއަށް ފާހަގައެއްނުވި." އައިރިކް މިހެން ބުނެލިއިރު އެ އަޑުގައި ޝަކުވާގެ އަސަރުވިއެވެ.

ފުންނޭވާއެއް މާޔަލް ދޫކޮށްލިއެވެ. އޭނާ ގަދަދެއްކުމަކުން އައިރިކް އޭނާއަށް ފުރުޞަތެއް ނުދޭނޭކަން އެނގެއެވެ. އެހެންވެ އޭނާ ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. އައިރިކްއަށް ގޮވާލީ އޯގާތެރިކަމާއެކުއެވެ.

"އެންމެންގެ ތެރޭ ރިކްއަށް ބަލާލަން ނުކެރިފަ ހުރީ." އައިރިކްގެ އަތްތިލައިގެ ތެރެއަށް އަތްތިލަ ހެޔޮވަރުކޮށްލަމުން މަޑުމަޑުން މާޔާ ބުނެލިއެވެ.

"މިހާރު މިތިބީ އެކަންޏެއްނު. މާޔާ ހިތްފުރެންދެން ބަލަންވީ... އަހަރެންގެ މައްސަލައެއްނެތް." އައިރިކް ބުންޏެވެ.

"ދުރަށް ޖެހުނީމައެއްނު ފެންނާނީ." މާޔަލް ބުންޏެވެ. އެހިނދު އައިރިކް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެހެންވިޔަސް މާޔަލްގެ ވައަތްތިލަ އޮތީ އޭނާގެ އަތުގެ ތެރޭގައި ހިފަހައްޓާލެވިފައެވެ. އެ އަތުން ދޫކޮށްލުމުގެ ވިސްނުމެއް އައިރިކްގެ ނެތެވެ.

"ކާކު އެ ގުޅަނީ؟. މަންމަތަ؟." މާޔަލްގެ ފޯނު ވައިބްރޭޓްވާން ފެށުމާއެކު އައިރިކް އަހާލިއެވެ.

"ރިކް... އަހަންނަށް ކުޑަކުޑަ ވަގުތުކޮޅެއް ދެވިދާނެތަ؟. މީ ވަރަށް މުހިންމު ކޯލެއް." މާޔަލް ބުންޏެވެ. އޭނާއަށް އެނގޭ ކަމަކީ ފޯނުކޯލު ނަގަންދެން އިވާން އިރުއިރުކޮޅާ ގުޅާނެކަމެވެ.

"މަންމަތަ ގުޅަނީ؟." އައިރިކް އަނެއްކާވެސް އަހާލިއެވެ. އުހޫން އޭ މާޔަލް ލައްވާލިއެވެ.

"އަހަރެންވެސް އައިރިކްގެ ޕާސަނަލް ކަންކަމާ ނުބެހެން. މީހަކާ އިންނަން ވަޢުދުވެފައި މީއެއްނޫން އުޅޭންވާނެ ގޮތަކީ." މާޔަލް އެންމެ ފަހު ޖުމްލަ ބުނެލީ އައިރިކްގެ އިތުރުން އަމިއްލަ ނަފްސަށް ވެސް ރައްދުކޮށެވެ. އައިރިކް ނުހުއްޓުވޭތީ މާޔަލް އަމިއްލަ ނަފްސުގެ ވެސް ކުށްވެރި ކުރެއެވެ. އެ ދެމީހުން ވެސް އެ ތިބީ ކައިވެންޏެއް ކުރުމަށް އެއްބަސްވެ އެކަމަށް ވަޢުދުވެގެންނެވެ. ވީއިރު އެކުވެރިކަމަށްވުރެ ގާތް ގުޅުމަކަށް އެ ދެ މީހުންނަށް ފުރުޞަތެއް ނެތެވެ. ޖަޒުބާތުތަކުގައި އޮބިއަޅައިގެން އިޙްސާސްތަކަށް އޮޅުވާލެވޭނީ ކިހާ ދުވަހުކަމެއް ޚުދު މާޔަލްއަކަށް ވެސް ނޭނގެއެވެ. އެ އިޙްސާސްތައް ފުންވެ އޭނާގެ ހިތާއި ބުއްދި ޙިޞާރުކުރުމުގެ ކުރީން އަމިއްލައަށް މައިތިރި ބަހައްޓަން ޖެހޭނެކަން އޭނާގެ ޟަމީރު ބުނެއެވެ. އޭނާ މަސައްކަތް އެކުރަނީ އެފަދައިން ޢަމަލްތައް ބެހެއްޓޭތޯއެވެ. އެހެންވިޔަސް އެއީ ފަސޭހަކަމަކަށް މާޔަލްއަށް ނުވެއެވެ.

"ތި ހީކުރާހެންނެއްނޫން..." އައިރިކް ދައްކަން އުޅުނު ވާހަކަ މާޔަލް ހުއްޓުވިއެވެ.

"އިނަފް އައިރިކް. އެކަކުއަނެކަކަށް ސަމާލުކަން ދިނުމަށްވުރެ މަސައްކަތަށް އެ ސަމާލުކަން ދިނިއްޔާ މާރަނގަޅުވާނެ." މާޔަލްގެ އަޑުގައި މިފަހަރު ގާތްކަމެއް ނެތެވެ.

އިރުކޮޅަކު ހިމޭނުން ހުރެފައި މަޑުމަޑުން މާޔަލްގެ އަތުން އައިރިކް ދޫކޮށްލައިފިއެވެ. އެ މޫނުމަތިން ހިތްހަމަނުޖެހިފައި ހުރިކަމުގެ އަސަރު ސާފުކޮށް ފާޅުވޭވޭ ހުއްޓެވެ. އަނގައިން ބުނުމެއްނެތި އައިރިކް އައިސް ސޯފާގައި އިށީނީއެވެ. މާޔަލް އަވަސްއަވަހަށް އިވާނަށް މެސެޖެއް ލިޔެ ފޮނުވާލިއެވެ. އޭނާ އެނބުރި ގެއަށް އަންނާނީ ހަވީރުކަމާއި މިރޭ ދެ މީހުން ބައްދަލުކޮށް ވާހަކަދައްކަން ޖެހޭކަން މާޔަލް ލިޔުނެވެ. އަދި އިވާން އެނބުރި ގެއަށް ދިއުމަށް މާޔަލް އެދުނެވެ. އިވާން ވަގުތުން މެސެޖުކުރީ މާޔަލް ހުރިތަނަކާމެދު ސުވާލުކޮށްފައެވެ. އެހެންކަންވާނީ މާޔަލްއަށް އެނގެއެވެ. އެއީ އިވާންގެ ފުށުން އޭނާއަށް ފެނިފައިހުރި ސިފައެކެވެ. އޭނާ ނޫން މީހަކާއެކު މާޔަލް ގެއިން ބޭރަށް ނުކުމެއްޖެނަމަ އިވާންގެ ސުވާލު ހުސްނުވާނެއެވެ. ދޭތެރެއަކުން ގުޅާނެއެވެ. ކޮންއިރަކުންތޯ ގެއަށް އަންނަނީ އަހާނެއެވެ.

"ދިމާވީމަ ކިޔާދޭނަން. މިވަގުތު ގުޅިޔަސް އަންސާއެއް ނުކުރެވޭނެ. މެންދުރު ގުޅާނަން. އެކަމަކު ހުރިހާ ވާހަކައެއް އެ ގަޑީގައި ނުދެއްކޭނެ. މިރޭ މީޓުވީމަ ހުރިހާ ކަމެއް ކިޔާދޭނަން. ސޯ، ޕްލީޒް... އިރުއިރުކޮޅާ ނުގުޅާ." އިވާންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި މާޔަލް ދެވަނަ މެސެޖު ފޮނުވާލިއެވެ. އަދި މިފަހަރު ފޯނު ސައިލެންޓު ކުރިއެވެ. އެހެންނޫނީ އައިރިކްގެ ސަމާލުކަން އެކަމަށް ހުއްޓޭނެކަން މާޔަލްއަށް އެނގެއެވެ. އޭރުން އޭނާ ވެސް މާޔަލްއާ ސުވާލުކުރާނެއެވެ. ޖަވާބެއްދޭން މަޖުބޫރުކުރާނެއެވެ.

މާޔަލް އައިސް ސޯފާގައި އިށީނެވެ. އައިރިކް އިން ސޯފާގެ އަނެއްކޮޅުގައެވެ. އޭނާ ލެޕްޓޮޕް ހުޅުވާލައި މަސައްކަތަށް ތައްޔާރުވެލިއެވެ. ކުރީން ދުވަހު ނިންމި ކަންކަމާއި ގުޅުވާ މާޔަލް ވާހަކަދެއްކިއެވެ. އައިރިކްގެ ހަރުކަށިކަން އިންތިހާއަށް ދިޔައެވެ. މާޔަލްއަށް ނޭވާލާނޭ ފުރުޞަތެއް ވެސް އޭނާ ނުދޭން ގަސްދުކުރި ކަހަލައެވެ. އެއްފަހަރާ އެތައްކަމެއް ކުރާން މާޔަލްއަށް ޖެއްސިއެވެ. ނުވިތާކަށް އޮފީހަށް ގުޅައިގެން ފައިލްތަކެއް ގެނެސް ދޭން ގިޔާސްގެ ކައިރިން އައިރިކް އެދުނެވެ.

މެންދުރުވެގެން އައިއިރު ވެސް އައިރިކް ހަވާލުކުރި މަސައްކަތްތަކުން ބައެއް މަދުވީހެނެއް މާޔަލްއަށް ހިޔެއްނުވެއެވެ. އޭނާއަށް ހިލަމެއްވީ ވެސް އެބަޔަށް މެންދުރުގެ ކެއުން ހިފައިގެން ފަޒްނާ އައިސް ވަނީމައެވެ. މާޔަލް ފެނި ފަޒްނާއަށް ވެސް މިއަދު މާ ބުރަ ދުވަހަކީތޯ އަހާލެވިއްޖެއެވެ. އައިރިކް ކުރާ ޖެއްސުމެކޭ ބުނާން ބޭނުންވިޔަސް މާޔަލް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. ފަޒްނާ ނުކުމެގެން ދިއުމުން ކާންވެއްޖެކަން އައިރިކް ބުނެލީ ވެސް އަމުރުވެރި ރާގެއްގައެވެ.

"ނުނިމެނީސް ގެއަށްދާން ނުވިސްނާތި." ކާން އިނދެ އައިރިކް ބުނެލިއެވެ. މާޔަލްއަށް ވަގުތުން ތުންފިއްތާލެވުނެވެ.

މެންދުރު ގުޅާނަމޭ ބުނެ މާޔަލްގެ ޚަބަރެއް ނުވެގެން އިވާން ގުޅިއެވެ. އެހެންވިޔަސް އެ ކޯލު އޭނާއަށް ނުނެގުނެވެ. މާޔަލް ތެދުވެ ކިރިޔާ އައިރިކްއާ ދުރަށް ޖެހިލިޔަސް އޭނާ ގޮވާލައެވެ. ކޮންމެވެސް ކަމެއްގެ ވާހަކަ ފަށައެވެ. މާޔަލްއަށް ބުނެވުނީތީ އެކަން ހިތު އަޅައިގެން ހުރެ އަމިއްލަ ވާހަކައެއް އައިރިކް ނުދައްކައެވެ. މުޅީން ވެސް އޮފީހާ ގުޅުން ހުރި ވާހަކަތަކެވެ.

* * * * *

ދެކޮޅަށް ހިނގާލަހިނގާލަ ހުރި އިވާން ޗަސް ޖަހާލިއެވެ. މާޔަލްވީ ކޮންތާކުބާއެވެ. ވިސްނާވިސްނާ ވެސް އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އިވާންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއްގެ އޮއިވަރު އުފެދެން ފަށައިފިއެވެ. ބޮލުގައި ހިފަހައްޓާލަމުން އޭނާ އައިސް އެނދުގައި އިށީނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ތެދުވެގެން އައިސް އަލަމާރި ހުޅުވާލިއެވެ. ތަޅުޅާފައި ހުރި ވަތްގަނޑު ހުޅުވާލައި އޭގެ ތެރެއަށް ބަލަން އިވާން ހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އެ ވަތްގަނޑުން ނެގީ ފޯނެކެވެ. އޭގެ އިސްކުރީނުގެ ބައެއްވަނީ ފުނޑުފުނޑުވެފައެވެ.

"މައްޔުގެ ހަނދާންތައް އަތުވެއްޖެނަމަ ހުރިހާކަމެއް އެނގޭނެ. ޝީ ވިލް ލީވް މީ. ޕްލީޒް ގޯޑް... އެއިން އެއްވެސް ހަނދާނެއް އަނބުރާ އަންނާކަށް ބޭނުމެއްނޫން. މައްޔު ހަނދާންވާކަށް ބޭނުމެއްނޫން. ޕްލީޒް... ޕްލީޒް ގޯޑް... މައްޔު ދެކެ އަހަރެން ވަރަށް ލޯބިވޭ. އޭނާއަށް ދެރަގޮތެއް ނުހަދާނަން. ހަމައެކަނި އެ ހަނދާންތައް އިޔާދަވުމެއްނެތްހެން އަބަދަށް ފިލައިގެން ދާން އެދެނީ. އަހަރެންގެ މީހަކަށް މައްޔުވާނީ އޭރުން." އިވާންގެ ހިތް އާދޭސްކުރަމުންދިޔައެވެ. މާޔަލްއަށް އަންނަ ކޮންމެ ބަދަލަކާއެކު އޭނާ ޖެހިލުންވެއެވެ. މާޔަލް ގެއްލިދާނެކަމުގައި ހީވެ އިންތިހާއަށް ބިރުގަނެއެވެ. އެހެންވިޔަސް އޭނާގެ އެ ސިފަ މާޔަލްއަށް ނުދައްކާން އިވާން މަސައްކަތް ކުރެއެވެ.

"ނަތިންގް ވިލް ހެޕެން." ހަމަ ވިސްނުން ލިބުނު ފަދައަކުން ކުއްލިއަކަށް އިވާން ބުނެލިއެވެ. އަތުގައި އޮތް އިސްކުރީނުގެ ބައެއް ފުނޑުފުނޑުވެފައިވާ ފޯނު އަވަސްއަވަހަށް ވަތްގަނޑަށް ލައިފިއެވެ. އެ ވަތްގަނޑު ލައްޕައި އިހު ހުރިހެން އިވާން ނިކަން އަވަހަށް ތަޅުލައިފިއެވެ. އެ ފޯނުގެ ސަބަބުން ވެސް އޭނާގެ ބުއްދިއަށް ނޭދެވޭ އަސަރެއް ކުރާނޭކަން ވިސްނުނީއެވެ. އިވާން ހަލުވިފިޔަވަޅުގައި ކޮޓަރިން ނުކުމެގެން އައެވެ. ކޮއްކޮ އައިމީ ވީ ހިސާބެއް އޭނާ ހޯދިއެވެ. އެކްސިޑެންޓަށްފަހު މާޔަލްއާއި އައިމީއާ ދެމެދު އޮތް ގުޅުން ދުރުވެއްޖެހެން އިވާނަށް ހީވެއެވެ. އެހެންވިޔަސް މާޔަލް ވީތަނެއް ފަހަރެއްގައި އައިމީއަށް އެނގިދާނޭކަން އިވާން ލަފާކުރިއެވެ.

* * * * *

ހަވީރު ފަސްގަޑި ބައިވެއްޖެއެވެ. ވަރުބަލިކަމުގެ އިތުރުން މާޔަލްގެ ބޮލުގައި ރިއްސައެވެ. މަސައްކަތްތައް ނިންމާލާފައި އޭނާ ތެދުވިއެވެ. އައިތަން ކުރީބައިގެ ނުކުމެގެން ދިޔައީ މާޔަލްއާއި އައިރިކް ކައިރީ އިނދެފައެވެ. އޭނާ ދަމުން މާޔަލްއަށް އައުމަށް އަތުން އިޝާރާތްކުރިއެވެ.

"މާޔާ..." މާޔަލް ނުކުންނަން އުޅުމުން އައިރިކް ގޮވާލިއެވެ. އޭނާއަށް ނުފެނުނަސް މާޔަލް ހުއްޓުނުކަން އެނގުނެވެ. ކައިރިޔަށް އައިސް ބަލާށޭ އައިރިކް ބުނެލީ މަޑުމައިތިރިކަމާއެކުއެވެ. އޭނާ ހުރީ ބިއްދޮށަށް ނުކުމެވެން ހުރި ދޮރު ކައިރީ މަޑުކޮށްލައިގެންނެވެ. ނުރުހުންވެ ހުރެ މާޔަލްއާ ވަކިވާން އައިރިކްގެ ހިތް އެއްބަސްނުވީއެވެ.

"ނިމިއްޖެ ހުރިހާކަމެއް." މާޔަލް އައިސް އައިރިކްގެ ކައިރީ ހުއްޓިލަމުން ބުންޏެވެ.

"ވަރުބަލިވީތަ؟." މާޔަލްގެ އަތުގައި ހިފާލައި ކައިރިއަށް ދަމާލުމާއެކު އަނެއް އަތުން އޭނާގެ މޫނު ހޯދައި ކޯތާފަތުގައި އައިރިކްގެ އަތްތިލަ ގެނެސް ޖައްސާލިއެވެ. އަދި މަޑުމަޑުން ފިރުމާލިއެވެ.

"ކާކުގެ ފޯލްޓެއް އެއީ." ރުންކުރުކަމާއެކު މާޔަލް ބުނެލިއެވެ. ނަމަވެސް އައިރިކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"އައި ވިޝް އައި ކުޑް ސީ ޔޫ." އައިރިކް މަޑުމަޑުން ބުނެލިއެވެ. އެ ލަފުޒުތަކުން މާޔަލްގެ މޫނު ހުދުވެގެން ދިޔައެވެ.

"އަހަރެން ނުފެނުމަކީ ވެސް ނަސީބެއް." އައިރިކްއަށް ބަލަން ހުރެ މާޔަލްއަށް ބުނެވުނެވެ.

"ޤަބޫލެއްނުކުރާނަން. ހިތް އެ ވަހެއް ބަލައިގެންފައިވާއިރު، އެ ވަސް ގުޅިފައިވީ ފަރާތް ނުފެނުމަކީ ނަސީބަކަށްވާނީ ކިހިނެއް؟." އައިރިކް ބުންޏެވެ.

"ދަނީ." މާޔަލް ގަސްދުކުރީ އައިރިކްގެ ކުރިމަތިން އަވަހަށް ދުރަށްދާށެވެ. ނަމަވެސް އެ ފުރުޞަތެއް އޭނާ މާޔަލްއަކަށް ނުދިނެވެ.

"މާޔާ... ވާހަކަދައްކާލަން... މަޑުކޮށްނުލެވޭނެތަ؟." އައިރިކްގެ ހިތް އެދޭގޮތް ފާޅުކުރިއެވެ.

"ސޮރީ، އައި ކާންޓް." މާޔަލް ވަގުތުން ބުންޏެވެ.

"އޯކޭ... މާދަން އެހާ ލަސްނުވައްޗޭ. އަހަރެން އިންތިޒާރު ކުރާނަން." އައިރިކް ބުންޏެވެ. މާޔަލް ބަލަން ހުރީ ހައިރާންވެފައެވެ. އެހެންހުއްޓާ އައިރިކްގެ އަތްތިލަ ދުރަށް ޖައްސާލުމާއެކު މާޔަލްގެ ކޯތާފަތުގައި ބީހިލީ އައިރިކްގެ ތުންފަތެވެ. ލުއިލުއި ބޮސްދިނުމަކާއެކު މާޔަލްގެ އަތުން އައިރިކް ދޫކޮށްލިއެވެ. ދެން ދިޔަޔަސް އެންމެ ރަނގަޅޭ އިޝާރާތްކުރާ ފަދައަކުންނެވެ.

"އައި ނޯ އިޓްސް ޔޫ... ހިތެއް ދޮގެއް ނުހަދާނެ." އައިރިކް ބުނެލީ ނުހަނު މަޑުންނެވެ. އެހެންނަމަވެސް ދާން އެނބުރިލި މާޔަލްއަށް އެ އަޑު އިވުނެވެ. އޭނާއަށް އައިރިކްގެ އެފަދަ ވާހަކަތަކުން ދޭހަކުރާންވީ ކީކޭކަމެއް ނޭނގެއެވެ. އެފަދަ ވަގުތުތަކުގައި މާޔަލްއަށް ހީވަނީ އައިރިކް އޭނާ އެހެން އަންހެންކުއްޖާ އެއްވަރުކުރަނީއޭ އެވެ.

އައިތަންއާއެކު ކާރުގައި މާޔަލް އިނީ ހިމޭނުންނެވެ. އޮފީހުގެ ގާލާނައިޓެއް ބާއްވަން އުޅޭތީ އެކަމާ ގުޅުވައި އައިތަން ކަމަކުކީކަން މާޔަލްއަށް ހަނދާންވީ އެ ވާހަކަ އަލުން އައިތަން ދެއްކީމައެވެ.

"މިއަދު އެއްވެސް ވާހަކައެއް ދައްކާކަށް ފުރުޞަތެއް ނުލިބޭ. މާދަމާ ތިވާހަކަ ދައްކާނަން." މާޔަލް ބުންޏެވެ.

އިތުރު ވާހަކައެއް އައިތަންއާއި މާޔަލްއާ ދެމެދު ނުދެކެވުނެވެ. ދޮރުފަތުގެ ބިއްލޫރި ގަނޑުގައި ބޯޖައްސާލައިގެން މާޔަލް ދެ ލޯ މަރާލައިގެން އިނެވެ. އޭނާގެ ބޮލުގައި ރިއްސަނީކަން އައިތަންއަށް ލަފާކޮށްލަން ދައްޗެއް ނުވިއެވެ. ސުވާލުތަކެއް އޭނާ ނުކުރީ އެހެންވެއެވެ. މާޔަލް ބަލާ އައިއިރު ވެސް އޭނާ އިނީ އޮފީސް މަސައްކަތުގައިކަން އައިތަންއަށް ފެނުނެވެ.

* * * * *

މާޔަލް އައިސް ކޮޓަރިއަށް ވަނުމުން އޭނާގެ ފަހަތުން އާމާލް އައިސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. އަތްދަބަސް އަޅުވަން ޚާއްޞަކޮށްފައި ހުރި ދަނޑީގައި އެ އަޅުވާލާފައި މާޔަލް އައިސް ސޯފާގޮނޑީގައި އިށީނެވެ. އޭރު އާމާލް ދަރިފުޅަށް ބަލަން އެނދުގެ ފައިލާކޮޅުގައި އިނެވެ.

"ކީއްވެ އިވާން ކައިރީ ނުބުނަން ތިއުޅެނީ." އާމާލް ވަގުތުން ސުވާލުކުރިއެވެ.

"އިވާން ލައިކްނުވެދާނެއޭ ހީވާތީ. މިހާ ދުވަހު އޮފީހަކަށް ދާން ނުވިސްނާ ހުރެފައި ކުއްލިއަކަށް އެހާ ކުޑަ ދުވަސްކޮޅަކަށް ޖޮބަކަށްދާން ނިންމީމަ ވަރަށް ސުވާލުކުރާނެ... އައި ޑޯންޓް ހޭވް އާންސާސް. އިވާންގެ ކޮންމެ ސުވާލަކަށް ދޭނޭ ޖަވާބެއްނެތް. އެހެންވެ ބުނާންބުނާން ހުރެވުނީ. އެކަމަކު މިރޭ ބުނާނަން... ޔަގީން..." މާޔަލް ބުންޏެވެ.

"މަންމަ ވާހަކައެއް އަހަންތަ؟." އާމާލްގެ އަޑާއި މޫނުން ވެސް ފެންނަނީ ސީރިއަސްކަމެވެ.

"އިވާންއާ ކައިވެނި ކުރާން ދަރިފުޅަށް އަވަހީތަ؟. ދަރިފުޅު ރެޑީއެއްނޫނޭ މަންމަގެ ހިތް ބުނަނީ." އާމާލް ބުންޏެވެ.

"އިވާން ވަރަށް ރަނގަޅު، ވަރަށް ލޯބިވޭ... މިހެން ގިނަދުވަހު ތިއްބަސް މިގުޅުމުން ނަތީޖާއެއް ނުފެންނާނެ. ނޫންތަ މަންމާ. މެރީ ކުރެވެންދެން ބޭނުންވާވަރަށް އެކަކަށްވެސް ރެޑީއެއް ނުވެވޭނެ... އިޓްސް ޖަސްޓް އެން އެކްސްކިއުޒް. މެރީ ކުރެވުނީމަ ހުރިހާކަމެއް ހަމަޖެހޭނެ." މާޔަލްގެ ދުލުން ބުނަމުންދިޔަ ވާހަކަތަކާއި އޭނާގެ ހިތް އެއްބަހެއްނުވެއެވެ. މީ އޭނާގެ ހިތް ދެކޮޅުވީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެއިންކޮންމެ ފަހަރަކު އޭނާ އައީ ހިތަށް ވިސްނައިދެމުންނެވެ.

"ތިވެސް ތެދެއް. މަންމަ ހިތަށް އަރާވަރުން ހަމަ އަހާލީ. މިއަދު މާ ބުރަ ދުވަހަކީތަ؟." އާމާލް ބުންޏެވެ.

"އާން. ކުޑަކޮށް އަރާމުކޮށްލާފައި ނުކުންނާނަން." މާޔަލް މިހެން ބުނުމުން އާމާލް އެ ކޮޓަރިން ނުކުތީއެވެ.

"ކީއްވެ ހިތަށް މިހާ އުނދަގޫވަނީ. ކީއްވެ؟..." މޭގައި މަޑު ރިހުމެއް އުފެދިފައިވާ ފަދައިން މާޔަލް މަޑުމަޑުން ފިރުމާލިއެވެ. އޭނާގެ ހިތް ބޭނުންވާގޮތެއް ނޭނގެއެވެ. އެ އިޚްސާސްތައް އެހެން މީހަކަށް ކިޔާދޭން އެނގޭނީ ޚުދު އޭނާއަށް އެނގޭނަމަތާއެވެ. މަންމަ އެހުމުން ވެސް ފާޅުގައި ދެކޮޅު ނުހެދުނީ އެއީ އެންމެ ރަނގަޅު ނިންމުމޭ ސިކުނޑި ބުނާތީއެވެ. ހަމައެކަނި ކުރެވޭ އުނދަގޫ އިޙްސާސަކުން މާނަކުރާންވީ ކީކޭ ހެއްޔެވެ. މާޔަލްގެ ކޯތާފަތް ތެމިގެން ދިޔަކަން އެނގި އޭނާ އަވަސްއަވަހަށް އަތްޖައްސާލިއެވެ.

"ރޯންވީ ކީއްވެ." އަމިއްލަ ނަފްސާ މާޔަލް ސުވާލުކުރިއެވެ. އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ޖަވާބު ނޭނގޭ ސުވާލުތައް ކުރާވަރަކަށް އޭނާގެ ބޮލަށް ބަރުވާން ފަށައެވެ. ވިންދު ޖެހުމާއެކު ގަދައަށް ރިހެން ފަށައެވެ. އެހެންވިޔަސް ކަމެއް އުނިވާކަން އެނގޭއިރު އެއީ ކޮންކަމެއްކަން ހޯދަން މަސައްކަތްނުކޮށް ވެސް ނުހުރެވެއެވެ. ނޭފަތުން ވެއްޓުނު ލޭތިކި ޖެހުނީ މާޔަލްގެ އުނގަށެވެ. ހެދުމުގެ ތެރެއަށް ލޭތައް ފޭދިގެން ގޮސް ބޮޑު ލައްގަނޑެއް ޖެހިއްޖެއެވެ. ބޮލުން އަތް ނައްޓާލި ގޮތަށް ނޭފަތުން ލޭމަނާ ކުރާން މާޔަލް އުޅުނީ ދެނެވެ.

ރޭގަނޑު އަށެއް ޖަހަންވީއިރު އިވާން ހުރީ މާޔަލްމެން ގޭގައެވެ. އިވާންގެ ކަނާއަތުގައި "ސްޕްލިންޓް"އެއް އަޅާފައި އޮތްތަން މާޔަލް ފެނުނީ އެވަގުތެވެ. އެހެންވެގެންނާ ވެސް އެކީ މާޔަލް ގަސްދުކޮށްގެން ހުރީ ގޭގައި ދެ މީހުން ބައްދަލުކުރާށެވެ. ނަމަވެސް އިވާން ހުށަހެޅީ ބޭރަށް ދާށެވެ. އެކަމާ މާޔަލް ދެކޮޅެއް ނުހެދިއެވެ.

"ކޮންތާކަށް މިދަނީ؟." ސައިކަލު ދުއްވާލުމުން މާޔަލް އަހާލިއެވެ.

"ދެވުނީމަ އެނގޭނެ." އިވާން ބުންޏެވެ.

އިވާންގެ މިސްރާބު ހުރީ އޭނާގެ ގެއަށެވެ. އެކަން ޔަގީންވުމާއެކު މާޔަލް ސުވާލުކުރިއެވެ. އޭނާގެ ގޭގައި މަޑުނުކޮށް އިވާންގެ ގެއަށް އައި ސަބަބަކާމެދުއެވެ. ނަމަވެސް އިވާން ވާހަކައެއް ނުދެއްކިއެވެ. ސައިކަލު ޕާކުކޮށްފައި އައިސް ގޭތެރެއަށް ވަނީ މާޔަލްގެ އަތުގައި ހިފައިލައިގެން ހުރެއެވެ.

"އިވާން..." ބޮޑުކޮޓަރިން އައިސް ސިޑީގެ ހަރުފަތްތަކުން އަރަން ފެށުމުން މާޔަލް ގޮވާލިއެވެ. ދެން ވެސް އިވާން ވާހަކައެއް ނުދެއްކިއެވެ.

"ކޮޓަރިއަށްތަ... ކޮޓަރިއަށް ކީއްކުރަން..." ޖެހިލުންވީވަރުން މާޔަލް އާގަތެވެ.

"އަލަކަށްނޫނެއްނު އަހަރެންގެ ކޮޓަރިއަށް މައްޔުވަނީ." އިވާން ބުންޏެވެ. އެއީ ދޮގެއްނޫނެވެ. އިވާންއާއެކު އެ ކޮޓަރީގައި އޭގެ ދެމީހުން އެތައް ފަހަރަކު ބައްދަލުކޮށްފިއެވެ. އެހެންވިޔަސް މިފަހަރު އެހާވަރަށް މާޔަލް ޖެހިލުންވާންވީ ކީއްވެކަމެއް ޚުދު މާޔަލްއަކަށް ނުވިސްނުނެވެ. ކޮޓަރިއަށް މާޔަލް ގޮވައިގެން ވަން ގޮތަށް އިވާން ދޮރުފަތް ލައްޕާލިއެވެ. އެއީ ކުރީން އިވާން ނުކުރާ ކަމެއްކަން މާޔަލް ދެނެގަތެވެ. ކޮޓަރީގައި ތިއްބަސް ދޮރު ލައްޕައިގެން އެމީހުން ނުތިބެއެވެ.

"ދޮރު ލެއްޕީ." ދޮރާ ދިމާއަށް އިޝާރާތްކުރަމުން މާޔަލް ބުނެލިއެވެ.

"އަހަންނާއެއްނު މެރީ ކުރާން ތިއުޅެނީ." އިވާން ބުންޏެވެ. (ނުނިމޭ)