ލައިފްސްޓައިލް

"ވަން ރުޕީ ޑޮކްޓަރު" މަރުވެއްޖެ

ފަސްދޮޅަހަކަށް އަހަރު ބަލި މީޙުންނަށް ފަރުވާ ދިނުމުގައި ހޭދަކުރި ޑޮކްޓަރު ސުޝޯވަން ބެނާޖީ މަރުވެއްޖެ އެވެ. ވެސްޓް ބެންގާލްގައި ދިރިއުޅޭ މި ޑޮކްޓަރު މުޅި އެ ސަރަހައްދަށް މަޝްހޫރުވެފައިވަނީ "ވަން ރުޕީ ޑޮކްޓަރު"ގެ ނަމުންނެވެ. ސަބަބަކީ އޭނާ ބަލި މީހުން ބަލައިދެނީ އިންޑިޔާގެ އެއް ރުފިޔާ އަށް ކަމަށް ވާތީ އެވެ. މިއީ ފަގީޜުކަމުން ޑޮކްޓަރަށް ނުދެއްކިފައި ތިބޭ އެތައް ހާސް ބަޔަކަށް ފަރުވާ ދިނުމުގައި މުޅި އުމުރު ހޭދަކޮށްލި އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޑޮކްޓަރެއް ވެސް މެއެވެ.

ޑޮކްޓަރެއްގެ އިތުރުން ސިޔާސީ މައިދާނުގައި ވެސް ޑރ. ސެޝޯވަން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެފައި ވެއެވެ. އޭނާ އަކީ ކޮންގްރެސް ޓިކެޓްގައި 1984ގައި ބޯލްޕޫރް ގޮނޑިއަކަށް ވާދަކޮށް ހޮވުނު ކުރީގެ އެމްޕީ އެއް ވެސް މެއެވެ.

އިންޑިޔާގެ ރައްޔިތުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ޕަދްމާ ޝްރީ ވެސް ޑރ. ސެޝޯވަން އަށް 2000 ވަނަ އަހަރު ދީފައި ވެއެވެ.

ގިނިސް ވޯލްޑް ރެކޯޑްސްގެ އެނެމެ ގިނަ ބަލި މީހުންނަށް ފަރުވާ ދިން ޑޮކްޓަރުގެ ރެކޯޑް އޮތީ ވެސް ޑރ. ސެޝޯވަން އަށެވެ.
ޑރ. ސެޝޯވަންގެ 60 އަހަރުގެ ޑޮކްޓަރީ ހަޔާތުގައި ކޮވިޑް ޕެންޑެމިކް ތެރޭގައި ނޫނީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އޭނާގެ ކްލިނިކް ބަންދުކޮށްފައެއް ނުވެ އެވެ. ލޮކްޑައުން އުވާލުމާއެކު އަނެއްކާވެސް ކްލިނިކް ހުޅުވައި ބަލި މީހުންނަށް ފަރުވާ ކުރަން ފެށި އެވެ.

ޑރ. ސެޝޯވަން އާ ގުޅޭ ގޮތުން އިންޑިޔާގެ ނޫސްތަކުގައި ލިޔެފައިވާ އެކި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އޭނާ އަކީ ވަރަށް ހިތްހެޔޮ އަދި ސާދާ މިޒާޖެއްގެ ޑޮކްޓަރެކެވެ. ބަލި މީހުންނަށް ޚިދުމަތް ދިނުމުގައި ލާމަސީލު ނަމޫނާ ޑޮކްޓަރެއް ވެސް މެއެވެ.

ޖޫނިއާ ޑޮކްޓަރަކަށް ހަމަލަ ދިނުމުން ހިތްހަމަނުޖެހި އެ ސްޓޭޓްގެ ގިނަ އަދަދެއްގެ ޑޮކްޓަރުން 2019ގައި ހަޅުތާލުކޮށް ބަލި މީހުން ބެލުން ހުއްޓާލައިގެން ތިބިއިރުވެސް ޑޜ. ސެޝޯވަން ބަރާބަރަށް އޭނާގެ ކްލިނިކުގެ ޚިދުމަތްތައް ދީފައި ވެއެވެ. ޑޮކްޓަރު ބުނި ގޮތުގައި ޑޮކްޓަރުންނަށް ހަމަލަ ދިނުމަކީ އޭނާ ތާއީދުކުރާ ކަމެއް ނޫނެވެ. ނަމަވެސް މިކަމާ ނުރުހިގެން އަޑުއުފުލަން ޖެހޭ ގޮތް ތަފާތުކުރަން ޖެހޭނެ އެވެ. ސަބަބަކީ ބައްޔެއް ޖެހި އަޅާ ވޭނަށް ފަރުވާ ހޯދަން އަންނަ ބަލިމީހާ އޭނާގެ ފުރާނަ ސަލާމަތްވޭތޯ ހިފާނީ ޑޮކްޓަރުގެ އަތުގައި ކަމަށް ވާތީ އެ މީހާ އަށް ފަރުވާ ދިނުމުން ފަހަތަށް ޖެހެވެން ޑޮކްޓަރުންނަށް ނޯންނާނެތީ އެވެ.

ޑރ. ސެޝޯވަންގެ މަރުން ވެސްޓް ބެންގާލުގެ އެތައް ހާސް ފަގީރުންނަކަށް ވަރަށް ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ލިބޭނެކަން ޔަގީނެވެ.