ލައިފްސްޓައިލް

ފަހުރުވެރިކަމާއެކު މަތިމަސް ބަހައްޓައިގެން އުޅޭ އަންހެނެއް!

އިންޑިއާގެ ކެރެލާގެ އަންހެނެއް ކަމަށްވާ ޝީޖާ އަކީ އެހެން އަންހެނުންނާ ތަފާތު މީހެކެވެ. އުމުރުން 35 އަހަރުގެ ޝީޖާ ފެންނަ ކޮންމެ މީހަކަށް ވެސް މިކަން ފާހަގަ ކުރެވޭނެ އެވެ. ސަބަބަކީ އޭނާގެ މޫނުމަތީގައި ބޮޑު މަތިމަހެއް ހުރީމަ އެވެ.

ޝީޖާ މި މަތިމަސް ބަހައްޓައިގެން އުޅެނީ ރީއްޗަކަށެވެ. އެހެން އަންހެނުންނަށް މަތިމަސް ފެޅީމަ ލަދުވެތި ކަމަކަށް ވިޔަސް ޝީޖާ ވަނީ މަތިމަސް ދިގު ކުރެވޭ އެންމެ ބޮޑަކަށް ދިގުކޮށްފަ އެވެ. އަދި އޭނާގެ އެންމެ ރީތި ސިފަޔަކީ މި މަތިމަސް ކަމަށް ޝީޖާ ގަބޫލު ކުރެ އެވެ.

"އަހަރެންނަށް މި މަތިމަސް ވަރަށް ކަމުދޭ. ވަރަށް ގަޔާވޭ މި މަތިމަހާ،" ޝީޖާ ބުންޏެވެ.

ހަމައެކަނި ޝީޖާގެ ނަން ކިޔާ މި އަންހެންމީހާ ބުނި ގޮތުގައި ބައެއް މީހުން އޭނާގެ މަތިމަސް ފެނިގެން މަލާމާތްކޮށް ހަދަ އެވެ. އަދި އޭނާއަށް ތަރުހީބު ދޭ މީހުންނާ ވެސް ދިމާވާ ކަމަށް ޝީޖާ ބުންޏެވެ.

މަތިމަސް ހުއްޓަސް ޝީޖާގެ މޫނުން ދެން ފެންނަން ހުންނަނީ މުޅިން ވެސް އަންހެންވަންތަ ސިފަ ތަކެވެ. ނިތްކުރީގައި ސިއްކަ ތަތްކޮށްފައި ކަންފަތުގައި ވެސް ހުންނަނީ މުދި އެލުވާފަ އެވެ. އަދި އިންޑިޔާގެ ބައެއް އަންހެނުން ކައިވެނި ކުރުމަށްފަހު ނިތްކުރިއާ ދިމާލުން ބޮލުގެ މެދުގައި އުނގުޅާ ރަތްކުލަ ވެސް އޭނާ ހުންނަނީ އުނގުޅައިގެންނެވެ.

ކެރެލާގެ ކަންނަންނޫރު ޑީސްޓްރިކްޓްގައި ދިރިއުޅޭ ޝީޖާ ގޮތަށް މަތިމަސް ފަޅާ އަންހެނުން ދުނިޔޭގައި ވަރަށް ގިނަ އެވެ. ޚާއްސަކޮށް އޭޝިއާގެ ގައުމުތަކުގެ ވަރަށް ގިނަ އަންހެނުން މަތިމަސް ފަޅާތީ ގަވާއިދުން އެ ބާލާ އުޅެ އެވެ.

ނަމަވެސް ޝީޖާ އެއްގޮތަކަށް ވެސް އޭނާގެ މަތިމަސް ބާލާ އޮމާންކުރާކަށް ބޭނުމެއް ނޫނެވެ.

"ކޮވިޑް ޕެންޑެމިކް ތެރޭގައި ވެސް އަހަރެން މާސްކް އަޅައިގެން އުޅެން ވަރަށް ފޫހިވޭ. އެއީ މާސްކް އަޅައިގެން ހުންނައިރު އަހަރެންގެ މަތިމަސް ނުފެންނާނެތީ. އަހަރެންގެ މަތިމަސް ހުއްޓަސް އަހަރެންގެ ރީތިކަމަށް އުނިކަމެއް އަންނަ ކަމުގެ އިހްސާސެއް އަހަންނަކަށް ނުވޭ. އަހަންނަށް ހީވަނީ މި މަތިމަހަކީ އަހަރެންގެ ރީތިކަން އިތުރުކޮށްދޭ ކަމެއްހެން،" ޝީޖާ ބުންޏެވެ.

ޝީޖާއަށް މިހާ ބޮޑު އިތުބާރެއް އަމިއްލަ ނަފްސާ ދޭތެރޭ ލިބިފައިވަނީ ފާއިތުވީ 10 ވަރަކަށް އަހަރު ތެރޭގައި އޭނާ ތަހައްމަލުކޮށްފައިވާ ސިއްހީ ގިނަ ގުނަ މައްސަލަތަކުގެ ސަބަބުންނެވެ.

"ފާއިތުވީ 10 އަހަރު ތެރޭ އަހަރެން ހަ އޮޕަރޭޝަން ކޮށްފިން. އުރަމަތީގައި އިން ޓިއުމަރެއް ނަގާށާއި އޯވަރީގައި ހުރި ސިސްޓްތަކެއް ނަގަން. އަދި ހިސްޓްރެކްޓަމީ ހަދައި ރަހިމު ވެސް ވަނީ ނަގާފައި،" ޝީޖާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ސާޖަރީ އަކަށްފަހު ދެން އިތުރު ސާޖަރީ އެއް ހަދަން ނުޖެހޭނެކަމަށް އޭނާ އުންމީދު ކުރެ އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އޮންނަނީ އަނެއް ސާޖަރީ ހަދަން ޖެހިފަ އެވެ. އެހެންވެ މި ހުރިހާ ސިއްހީ މައްސަލަތަކުން އަރައިގަނެ އަމިއްލަ ނަފްސަށް އުފާވެރިކަން ހޯދަން ޝީޖާ ބޭނުންވީ މަތިމަސް ދިގުކުރާށެވެ.

ޝީޖާގެ މަތިމަހުން އޭނާއަށް އުފަލާއި ހިތްހަމަޖެހުން ލިބެ އެވެ. ވީމާ މަލާމާތްކުރާ މީހުންގެ އަޑު އަހާކަށް އޭނާ ބޭނުމެއް ނޫނެވެ.