މިއަހަރުގެ ދެވަނަ ކުއާޓަރުގައި ގެވެށި އަނިޔާކުރި 169 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއައި) އިން ބުނެފި އެވެ.
އެފްޕީއައި އިން ތަފާސްހިސާބު ނެރޭއިރު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހަޅާ އެހެން މުއައްސަސާތަކުގެ ރިފަރަލް ވެސް ހިމަނަ އެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ޖުމްލަ 219 މީހަކަށް ގެވެށި އަނިޔާކޮށްގެން އެކި އިދާރާތަކަށް ރިޕޯޓުކޮށްފައިވާ ކަމަށް އެފްޕީއައިގެ ތަފާސްހިސާބުތައް ދައްކަ އެވެ.
އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި އެންމެ ގިނަ ރިފަރަލް ހުށަހަޅާފައިވަނީ ޖެންޑާ މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 100 ރިފަރަލް ހުށަހަޅާފައިވާއިރު، ފުލުހުންގެ ފަރާތުން 65 ރިފަރަލް ހުށަހަޅާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ގެވެށި އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާ އާއި ބިރުދެއްކުމުގެ އަނިޔާގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އެގޮތުން 18 އަހަރުން މަތީގެ 112 އަންހެނުންގެ މައްސަލައާއި 22 ފިރިހެނުންގެ މައްސަލަ ހިމެނެ އެވެ. އަދި 18 އަހަރުން ދަށުގެ 55 އަންހެން ކުދިންނާއި 25 ފިރިހެން ކުދިންގެ އިތުރުން ޖިންސުގެ މައުލޫމާތު ލިބިފައި ނުވާ ފަސް ކުޑަކުދިން ހިމެނޭ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ގެވެށި އަނިޔާ ހިންގާފައިވަނީ އިނދެވަރިކޮށްފައިވާ މީހުންގެ ދެމެދުގަ އެވެ.