މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގެދޮރުވެރި ޕޯޓަލަށް އެއްމަސް: 7،308 ފޯމު ހުށަހަޅައިފި

Jul 27, 2022

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރުމަށް ހުޅުވާލި ފުރުސަތަށް އެއް މަސްވެގެން ދިޔައިރު 7،308 ފޯމު ހުށަހަޅައިފި އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތި ތަކަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ.

މިސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިން" ޕްރޮގްރާމުގެ ދަށުން މިފަހަރު ހުޅުވާލާފައިވަނީ ހުޅުމާލެ އިން 1،000 ގޯތި އަދި ގުޅިފަޅުން 2،000 ގޯއްޗަށެވެ. މިބުރު 4،000 ފްލެޓް ދޫކުރަން ނިންމާފައިވަނީ ހަމައެކަނި ހުޅުމާލެ އިންނެވެ.

ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީން ވަނީ "ގެދޮރުވެރިން ޕޯޓަލް"ގެ ނަމުގައި ޕޯޓަލެއް ހަދާ، އޮންލައިންކޮށް ކުރިމަތިލެވޭނެ ގޮތް ހަދާފަ އެވެ.

ޕޯޓަލް ހަދާފައިވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ވަގުތު ހަމަވަންދެން ފޯމު ހުށަހެޅި ފަރާތުން ބޭނުންވާ ބަދަލުތައް ފޯމަށް ގެނެވޭ ގޮތަށެވެ. އަދި ފޯމު ހުށަހެޅުމާ އެކު ފޯމާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ޕޯޓަލް އިން ބެލޭނެ ގޮތް ހަމަޖައްސާފައިވެ އެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތު:

  • އުމުރުން 18 ފުރިފައިވާ މާލޭގެ ރައްޔިތަކަށްވުން
  • ވާރުތައިން ލިބެން އޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނެތުން
  • މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ތަނެއް ނެތުން
  • 600 އަކަފޫޓަށް ވުރެ ބޮޑު ތަނެއް އަމިއްލަ ނަމުގައި އޮތް ނަމަ އެތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެއްވެސް ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ގިރާވަރު ފަޅު ހިއްކައިގެންވެސް މާލޭގެ ރައްޔިތުންނަށް 2،000 ގޯތި ދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފަ އެވެ. ނަމަވެސް ގިރާވަރު ފަޅު ހިއްކުމަށްޓަކައި ސަރުކާރުގެ ތެރެއިން އަދި އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވީ އަންނަ އަހަރު ތެރޭ 3،000 ގޯތި ލިބޭ މީހުން ފައިނަލް ކުރެވި އެ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކު ކަމެއް ނެތް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ދެންނެވި ތިންހާސް ގޯތި ކަޑަ ޖަހާ ގޯތި އޮތްތަން ފާހަގަކޮށް ގޯތީގެ ރަޖިސްޓްރީ ހައްގުވާ ފަރާތްތަކަށް ދެވޭނެ ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކު ކަމެއް ނެތް،" އަސްލަމް ވިދާޅުވި އެވެ.