ޔޫއެންޑީޕީ

ބޯހިމެނުމުގެ މަސައްކަތަށް ޔޫއެންޑީޕީން 20 ޓެބްލެޓް ދީފި

Jul 27, 2022

ބޯހިމެނުމުގެ މަސައްކަތްތަކުގައި ބޭނުންކުރުމަށް ޔޫއެންޑީޕީން 20 ޓެބްލެޓް ހަދިޔާކޮށްފި އެވެ.

ޓެބްލެޓުތައް ހަދިޔާކުރީ ޔޫއެންޑީޕީއާއި ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށް ގެންދިޔަ "އިންފޯމަލް ސެކްޓާ ސާވޭ 2021" ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގަ އެވެ.

ޔޫއެންޑީޕީގެ ފަރާތުން ޓެބްލެޓްތައް ހަދިޔާކުރެއްވީ ރެޒިޑެންޓް ކޯޑިނޭޓަރު އެންރީކޯ ގަވޭލިއާ އެވެ. ޓެބްލެޓުތަކާ ހަވާލުވެވަޑައިގަތީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހުސައިން އެވެ.

ޔޫއެންޑީޕީން ބުނީ ޓެބްލެޓްތައް ހަދިޔާކުރީ ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ބޯހިމެނުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިހާރު ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

ބޯހިމެނުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ހޯދާފައިވާއިރު އެ މީހުން ތަމްރީންކުރުމަށް 100 ޓްރެއިނާސް ވެސް ހޯދާ މިހާރު ތަމްރީންތައް ވަނީ ފަށާފަ އެވެ. ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގައި އަތޮޅުތަކުގައި 1،991 މީހުން މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވާނެ އެވެ.

މިއަހަރުގެ ބޯހިމެނުމުގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އަދި އިގްތިސާދީ މަސައްކަތްތައް ހިންގާ ތަންތަނުގެ ބޯހިމެނުން ކުރިއަށް ގެންދާނެ އެވެ. ބޯހިމެނުމާ ގުޅޭ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 13 އިން 25 އަށެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިއަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އިއުލާން ކުރާ ދުވަހަކީ ގައުމީ ތަފާސްހިސާބުތަކުގެ ދުވަހެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.